ސުޕްރީމް ކޯޓަށް ސަލީމް އާއި ހަމީދު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި ސުޕްރީމް ކޯޓަށް ސަލީމް އާއި ހަމީދު އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީިމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓު ދެއްވި އެވެ.
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ވެސް ސަލީމް އާއި ހަމީދު އަށެވެ. އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ޖޭއެސްސީން ލަފާ ދީފައި ވެ އެވެ.
ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި އޭނާ 12 އަހަރު ހޭދަކުރެއްވި އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނި މައްސަލައެއް ސާބިތުވާ ކަަމަށް ޖޭއެސްސީން ނިންމުމުން، ރައްޔިތުންގެ މަޖިލީހުންނެވެ.
މި މައްސަލަ ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އދ. ގެ ޖަމިއްޔާތަކުންނާއި އަވަށްޓެރި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގާ މެދު ސުވާލުއުފައްދާ، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ވެސް އދ. އިން އެންގި އެވެ.
އެ މައްސަލައިގައި ޖަވާބުދާރީވަމުން ދިވެހި ސަރުކާރުން ބުނެފައި ވަނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ