ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލެންޑާއި އަވަށްޓެރި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އުރީދޫ މޯލްޑިވްސްގެ ނަންބަރުތަކުން މިއަދު ތައިލެންޑަށް ހިލޭ ގުޅޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބުނީ ކީކޭ؟ - އުރީދޫން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އުރީދޫ މެދުވެރިކޮށް ތައިލެންޑަށް ގުޅުމަށް މިރޭ މެންދަމު 12 ޖެހުމާ ހަމައަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.
"މިވަގުތުގައި އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށް އުއްމީދުކުރަމެވެ،" އުރީދޫން ބުންޏެވެ.
އެނގުން މުހިންމު - އީދު ބަންދާ ދިމާކޮށް ބެންކޮކަށް ދާ ދިވެހިންގެ އަދަދު މިދުވަސްކޮޅު ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކުގައި ވެސް ދިވެހިން އާންމު ގޮތެއްގައި ތައިލެންޑަށް ޒިޔާރަތްކުރެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ދެ ގައުމުގެ ހާލަތު ބަލަމުން އަންނަ ކަަމަށެވެ. މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަފްސީލް - ތައިލެންޑާއި މިޔަންމާއަށް މިއަދު މެންދުރު ފަހު އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓި، ބައެއް މީހުން ވަނީ މަރުވެފަ އެވެ. އަދި ބައެއް މަސައްކަތްތެރިން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް އެ ގައުމުގެ ފުލުހުން ބުންޏެވެ.
ބެންކޮކްގެ މަޝްހޫރު ޗަޓުޗަކް މާރުކޭޓު ކައިރީގައި އިމާރާތް ވެއްޓުމުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި އޭރު އެ ތަނުގައި ތިބީ ކިތައް މަސައްކަތްތެރިން ކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަތީގައި ކެރޭނެއް ހުރި އެތަކެއް ބުރީގެ އިމާރާތް ވެއްޓުނު އިރު، މަންޒަރު ދުށް މީހުން ހަޅޭއްލަވައިގަތެވެ.
ބެންކޮކްގައި އިތުރު އާފްޓާޝޮކްތަކެއް އަތުވެއްޖެ ނަމަ އެމީހުންގެ އިމާރާތްތަކުން ހުސްކުރި މީހުން ބޭރުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަރުމަނުގެ ޖީއެފްޒެޑް ސެންޓާ ފޯ ޖިއޯސައިންސަސްއިން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު ބިމުގެ އަޑިން ކަމަށާއި އެޕިސެންޓަރު ހުރީ މިޔަންމާގައި ކަމަށެވެ.
ބިންހެލުމާ ގުޅިގެން ބެންކޮކްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.
ބިންހެލުން އައި ތައިލެންޑަށް މިއަދު ހިލޭ ގުޅޭނެ: އުރީދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ