ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭ ފެސިލިޓީއެއް ގާއިމުކުރަނީ

މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ދަށުން، ކ. ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސް ކުރެވޭނެ މައި ފެސިލިޓީއެއް ތަރައްގީކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. ކުރިން އެއްވެސް ނިޒާމެއް ނެތި ކަނޑަށާއި ފަޅަށް ކުނި އުކާލަމުންދިޔަ ތިލަފުށި މިހާރު ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒަކަށް ބަދަލުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު މި ފެސިލިޓީގެ ސިވިލް މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ.
މުރުތަޟާ އިތުރަށް ވިދާޅުވީ، ކުނިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ އިންސިނެރޭޓަރު މިހާރު ރާއްޖެ ގެނެސް ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. މި އިންސިނެރޭޓަރަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ވިހަ ގޭސް ބޭރުވުން ކޮންޓްރޯލްކުރެވޭ ނިޒާމުތަކާއެކު ފަރުމާކޮށްފައިވާ އެއްޗެކެވެ.
މި ފެސިލިޓީން ކުނި އެންދުމަށްފަހު އުފެދޭ ބޮޓަމް އޭޝް ނުވަތަ އަޅި ޓްރީޓްކޮށް، އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރެވޭނެ ގޮތަށް ބާޒާރަށް ނެރުމަށް ވެސް ވަނީ ރޭވިފައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ފެސިލިޓީ އޮޕަރޭޝަނަށް އައުމުން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 13 މެގަވޮޓްގެ ކަރަންޓު އުފައްދާނެއެވެ. މީގެ ތެރެއިން 10 މެގަވޮޓް ކަރަންޓު ގައުމީ ގްރިޑަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އަހަރަކު ގާތްގަނޑަކަށް 517,000 ޓަނުގެ ކުނި އުފެދޭއިރު، މީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ތިލަފުށީގެ މި ފެސިލިޓީއާއެކު މާލެ ސަރަހައްދުގެ އިތުރުން ކާފު އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށް ހުރި ރަށްތަކުގެ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ