ހަވީރު މީޑިއާ ގުރޫޕްގައި ޒާހިރުގެ ހިއްސާއެއް ނެތް

ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޑެޓްގައި މުހައްމަދު ޒާހިރު ހުސެއިން އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕްގެ ދަށުން ރަޖިސްޓްރީކުރެވިފަިއވާ އެ ކުންފުނީގެ މިލްކެއް ކަމަށާއި އެ ކުންފުނީގައި ޒާހިރުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ.
"ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕްގެ މިލްކުވެރި ތަކެތި ނޫން ކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހަވީރު ނޫހާއި ހަވީރު އޮންލައިން މިހާރު ޝާއިރުކުރަމުން ނުދަނީ އެއާ ގުޅޭގޮތުން އުފެދިފައިވާ ހިލާފަކާ ގުޅިގެން ހަވީރު މީޑިއާ ގުރޫޕުން ގާނޫނީ ލަފާ ހޯދަމުންދާތީ ކަމަށެވެ. އަދި ހަވީރު މީޑިއާ ގުރޫޕްގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަވީރު މީޑިއާ ގުރޫޕުން މިހެން ބުނެފައިވާއިރު، ހަވީރުގެ އެހެން ހިއްސާދާރުންނާއެކު ހަވީރު ހިންގުމަށް ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ހަވީރު ނެރުން ވަނީ ހުއްޓާލާފަ އެވެ. އަދި މި މައްސަލައާ ގުޅިގެ ހިޔާލު ތަފާތުވުންތައް އައިސްފައިވާއިރު ސަރުކާރުން ބުނެފައި ވަނީ ހަވީރު ނެރުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން މަގު ފަހި ކުރާނެ ކަމަށެވެ.
ހަވީރު މިލްކިއްޔާތާ ގުޅޭގޮތުން ހައިކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން ހަވީރު ނޫސް އެޖެންސީގައި ހަތަރު ބޭފުޅެއްގެ ހިއްސާ އޮވެ އެވެ. އެއީ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް އަދި މުހައްމަދު ޒާހިރު ހުސެއިންނެވެ. ކޮންމެ ބޭފުޅެއްގެ އަތުގައި ވެސް އޮތީ 25 ޕަސެންޓްގެ ހިއްސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ