ހިމަންދޫގެ ކަރަންޓުގެ ވިއުގަ ތަރައްޤީކުރުމަށްޓަކައި ކުރަމުންދިޔަ ކޭބަލް ވަޅުލުމުގެ މަސައްކަތް ނިމިއްޖެ: ސްޓެލްކޯ

އއ. ހިމަންދޫގެ ކަރަންޓުގެ ވިއުގަ ތަރައްޤީކުރުމަށްޓަކައި ކުރަމުންދިޔަ ކޭބަލް ވަޅުލުމުގެ މަސައްކަތް ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހިމަންދޫގެ ކަރަންޓުގެ ވިއުގަ ތަރައްޤީކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުގައެވެ.
މި ކަމާއި ގުޅޭ ގޮތުން ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހިމަންދޫ ކަރަންޓުގެ ވިއުގަ ތަރައްޤީކުރުމަށްޓަކައި ކުރަމުންދިޔަ ކޭބަލް ވަޅުލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި 250 ކޭވީއޭގެ ޖަނަރޭޓަރެއް ވެސް ހިމަންދުއަށް ގެންގޮސްފައިވާކަމަށް ޓްވީޓުގައި ބުނެފައިވެއެވެ. މި ގޮތުން އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާއެކު، އެ ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުރިހަމަވެގެންދާނެކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
https://twitter.com/STELCOMALDIVES/status/1287986858169790464?s=20
ހިމަންދޫގެ ކަރަންޓުގެ ވިއުގަ ތަރައްޤީކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން އަންނައިރު، އެ ކުންފުނިން ވަނީ، ކ.ދިއްފުށީ ކަރަންޓު ވިއުގަ ތަރައްޤީކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ސްޓެލްކޯއިން ހޯމަދުވަހު ބުނީ އެ މަސައްކަތްތައް އަންނަ އޮގަސްޓު މަހުގެ ކުރީކޮޅު ނިންމާލެވޭނެކަމަށެވެ.
މީގެ އިތުރުން މި މަހުގެ 25 ވަނަ ދުވަހުގައި ސްޓެލްކޯއިން ވަނީ، ކ.ގާފަރުގެ ކަރަންޓު ވިއުގަ ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމައިލާފައެވެ. މި ގޮތުން އެ މަސައްކަތް ނިމުމާއެކު، ގާފަރުގެ ރައްޔިތުންނަށް ވަރަށްބޮޑު ހައްލެއް ލިބިފައިވާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ