ފެބްރުއަރީ މަހުގެ ޖީޑީޕީ 9.7 ބިލިއަން ރުފިޔާގައި

މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހުރީ 9.7 ބިލިއަން ރުފިޔާގައި ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކައިފި އެވެ. 
ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 3.7 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދުންތެރިކަން ހުރީ 9.3 ބިލިއަން ރުފިޔާގަ އެވެ.
އެކަމަކު މި އަހަރުގެ ޖެނުއަރީ މަހަށް ވުރެ މިއީ 3.8 ޕަސެންޓްގެ ދަށްވުމެކެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އުފެއްދުންތެރިކަން 10 ބިލިއަން ރުފިޔާއަށް އެރި އެވެ. 
ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް ގުޅެނީ ޓޫރިޒަމް ސެކްޓަރާ އެވެ.
ފެބްރުއަރީ މަހު އެ ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ހުރީ 2.5 ބިލިއަން ރުފިޔާގަ އެވެ. އެ ދާއިރާ ކުރިއެރީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވަނީ ޖެނުއަރީ މަހާ އަޅާބަލާއިރު 1.1 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް ސެކްޓާގެ އިތުރުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުމަށް ހިއްސާކުރާ އެހެން މައިގަނޑު ދާއިރާތަކަކީ މާލީ ދާއިރާ އާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކާއި ރިއަލްއެސްޓޭޓް އަދި ދަތުރުވެރިކަމާއި މުއާސަލާތީ ހިދުމަތްތަކާއި ކޮންސްޓްރަކްޝަނާއި މަސްވެރިކަމާއި ތައުލީމީ ދާއިރާ އެވެ. 
ފެބްރުއަރީ މަހުގެ އިގްތިސާދު ކުރިއެރި އިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވޭތުވެދިޔަ ދެ މަހު ރާއްޖެއަށް ޓޫރިސްޓުން އައި ވަރު ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފަ އެވެ. އެކަމުން އިގްތިސާދަށް ކުރި އަސަދު ސާފުވާނީ މާޗް މަހުގެ ޖީޑީޕީގެ ހިސާބުތަކުންނެވެ.
މިދިޔަ މަހު ރާއްޖެއަށް ޓޫރިސްޓުން އައި މިންވަރު ވަނީ 16 ޕަސެންޓަށް ދަށްވެފަ އެވެ. އަދި މާޗް މަހު ރާއްޖެއަށް ޓޫރިސްޓުން އައި މިންވަރު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ