ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައްފަހު، ދެވަނަ ބުރުގައި ވަކިކޮޅެއް ނެންގެވިކަން ހާމަނުރައްވާ ޢަލީ ވަނީ ދެން އުޅުއްވާނީ ފުޓްބޯޅައިގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ.
އެއަށްފަހު ޢަލީ ވަހީދު ވަނީ ޖޭޕީ ދޫކޮށް 7 ޑިސެމްބަރު 2023 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ކެމްޕޭން އެޖެންޓަކަށް ވެސް ހުންނެވި ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރެއްވީ މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަލީ ވިދާޅުވީ، ކުޅުދުއްފުއްޓަށް ހައްޤު އިންޤިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް، 20 ވަނަ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޚިދުމަތް ކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވަނީ އެކަމުގައި އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް ވެސް އެދިލައްވާފައެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރެއްވިއިރު، އެ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިކަން ހަމަ އެރަށަށް ނިސްބަތްވެވަޑައިގަންނަވާ، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ކުރީގެ ނައިބު ވަޒީރު އަޙްމަދު އާތިފް ވަނީ 24 އޮކްޓޯބަރު 2023 ގައި ޢިއުލާން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިހާރުގެ މެންބަރަކީ ޖަމްޝީދު މުޙައްމަދެވެ. ނަމަވެސް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ޖަމްޝީދު ނިންމެވިކަމެއް އަދި އެހާ ސާފެއް ނޫނެވެ.
އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ