މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ދަޢުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލާގައި ތުހުމަތުވާ މީހުންގެ މައްޗަށް ޕީޖީން ދައުވާކޮށްފިއެވެ.
މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ މިއަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދަޢުވާ ކުރުމަށް ހުސްވިމަހުގެ 19ވަނަ ދުވަހު ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށާއި ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްގެ އިތުރުން މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށެވެ.
މީގެ ތެރެއިން އިބްރާހީމް ޢަބްދުﷲގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 8ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.
އަދި އަޙްމަދު އަވްޝަމްއާއި މުލާއިމް މުޙައްމަދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 8ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މަރާމާރީއާ ގުޅިގެން، ލިބުނު އަނިޔާތަކަށް އެޑީކޭ ހޮސްޕިޓަލުގައި އޭނާ ވަނީ ފަރުވާވެސް ހޯއްދަވާފައެވެ.
މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް ސިޔާސީ ފަރާތްތަކާއި އާއްމުން އަންނަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ