ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު މީހުންނަށް އެތަންތަން ހަވާލުކުރުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަޅަންފެށި ފުލްޓް ތަކުގެ މަސައްކަތް ނިންމައި އެ ލިބުނު މީހުންނަށް ހަވާކުކުރުމުގެ މަސައްކަތް އެފްޑީސީން ފަށާފައިވާއިރު، އެކަމާގުޅޭ ގޮތުން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ، އެ މަޝްރޫއުގައި އިމާރާތްކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރަށް ވެސް މިހާރު ފެނާއި ކަރަންޓާއި ގުޅައި ނިމިފައިވާ ކަމަށެވެ.
އަދި މިހާތަނަށް 1،262 ފްލެޓު ހަވާލުކޮށްފައިވާ ކަމަށާ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އަންނަ ހަފްތާގެ ނިޔަލަށް ހުރިހާ ފްލެޓެއް ހަވާލުކުރުމަށް ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އަންނަ ހަފްތާ ނިމެންވާއިރަށް ފުލެޓްތައް ހަވާލުކޮށް ނިންމަން. އެކަމަކު ބައެއް ފުލެޓްތަކުގެ ވެރިފަރާތްތައް މިވަގުތު ރާއްޖޭއިން ބޭރުގައި ތިބުމުން އެފަރާތްތަކާ ހަވާލު ނުކުރެވޭ. އެހެން ހުރިހާ ފަރާތްތަކަށް އަންނަ ހަފްތާ ނިމެންވާއިރަށް ހަވާލުކޮށް ނިންމާލެވޭނެ“ ހަމްދާން ވިދާޅުވިއެވެ.
ހަމްދާން މިހެން ވިދާޅުވެފައިވާއިރު، މިމަހުގެ 27 ގައި ފަށާ ދިރާސީ އަހަރުގެ ކުރިން އެ ފްލެޓުތައް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ދާދިފަހުން ވިދާޅުވެފައެވެ.
އަދި ރައްޔިތުންގެ އެދުމުގެ މަތީން ފުލެޓްތަކުގެ ކުއްޔާއި ޑިޕޮސިޓަށް ދައްކަންޖެހޭ ފައިސާވެސް ރައީސްގެ އެދިލެއްވުމާއެކު މިހާރު ވަނީ ކުޑަކޮށްދެއްވާފައެވެ.
އެގޮތުން، ދެ ކޮޓަރީގެ ފްލެޓަށް ކުއްޔާއި މެއިންޓެނަންސްއާ އެކު މަހަކު ދައްކަންޖެހޭ މިންވަރު 8،000ރ. އިން 7000ރ. އަށް އަދި ޑިޕޮސިޓަށް ދައްކަންޖެހޭ 15،000ރ. އިން 6،000ރ. ވަނީ ބަދަލުކޮށްފަ އެވެ.
އަދި ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހެނީ 10،000ރ. އަށް ކުޑަކޮށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
އަމާޒަކީ އަންނަ ހަފްތާގެ ނިޔަލަށް ހުރިހާ ފުލެޓެއް ހަވާލުކުރުން: ހަމްދާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ