ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ރާވާ ހިންގާ ނުވަތަ ފީފާގެ ބެލުމުގެ ދަށުން ހިންގާ އެންމެހާ މުބާރާތްތަކެއްގައި ވާދަކުރާ އަންހެން ޓީމުތަކުގައި ކޯޗުންގެ ގޮތުގައި އަންހެނުން ތިބުން މަޖުބޫރުކޮށްފިއެވެ.
މި ބަދަލު ގެނެސް މިކަން ތަންފީޒުކުރަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައެވެ. ގަވައިދަށް ގެނައި މި ބަދަލަކީ، ކޯޗިންގައި އަންހެނުންގެ ދައުރު ބޮޑުކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.
ފީފާއިން ގެނައި ބަދަލުގައިވާ ގޮތުން، ފީފާގެ އެންމެހާ މުބާރާތްތަކުގައި ވާދަކުރާ އަންހެނުންގެ ޓީމުތަކުގައި ހެޑް ކޯޗެއްގެ ގޮތުގައި ނުވަތަ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަންހެނަކު ހުރުން މަޖުބޫރުވާނެއެވެ.
އަދި ބެންޗުގައި، އޮފިޝަލެއްގެ ގޮތުގައި ވެސް އިތުރު އަންހެނަކު އިނުން، މި ބަދަލާއެކު މަޖުބޫރުވާނެއެވެ.
މި ބަދަލުތައް ތަންފީޒުކުރަން ފަށާނީ މި އަހަރު ބާއްވާ 17 އަހަރުން ދަށާއި 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕާއި އަންހެނުންގެ ޗެމްޕިއަންސް ކަޕުން ފެށިގެންނެވެ.
17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފަށާނީ މި އަހަރުގެ އޮކްޓޯބަރު މަހުއެވެ. 20 އަހަރުން ދަށުގެ މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުއެވެ. ވިމެންސް ޗެމްޕިއަންސް ކަޕު ވެސް ފަށާނީ އޮކްޓޯބަރު މަހުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުގައި ބައިވެރިވި 32 ޓީމުގެ ތެރެއިން 12 ޓީމުގެ ހެޑް ކޯޗުންގެ ގޮތުގައި ތިބީ އަންހެނުންނެވެ.
ފީފާއިން އުއްމީދުކުރަނީ، ގަވައިދަށް މި ގެނައި ބަދަލާއެކު، ބްރެޒިލްގައި 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގައި އަންހެނުން އަދާކުރާ ދައުރު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
އަންހެން ޓީމުތަކުގައި އަންހެން ކޯޗުން ތިބުން ފީފާއިން މަޖުބޫރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ