ރޯދަމަަހަކީ ބަރަކާތާއި އަޅުކަމުގެ މަައްސަރެެވެ. ގޭތެރޭ ތާހިރުކޮށް ތަރުތީބުކޮށް ބޭއްވުން ހާއްސަކޮށް މުހިއްމުވަނީ، ތަރުތީބު ގެއްލިފައި އޮވެއްޖެ ނަމަ އެކަމަކުގެ ސަބަބުން މީހާގެ ސްޓްރެސް އިތުރުވާތީ އެވެ. ރޯދަ މަހަަކީ ސީދާ އަޅުކަމަށް ފޯކަސް ކުރަން ޖެހޭ މަހެއް ކަމުން އެ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ހަމައަކަށް އަޅުވަން ބޭނުންވެ އެވެ. ނަފްސާއި އަމަލާއި ދިރިއުޅޭ ތަން ވެސް ހަމައަކަށް އަޅުވަނީ އެވެ.
ރޯދަމަސް ބޯމަތިވެފައި އޮތް އިރު އަދިވެސް ވަރަށް ގިނަ މީހުން އުޅެމުންދަނީ ގޭތެރެ ސާފުކޮށް ރީތިކޮށް ތަރުތީބުކުރުމުގެ މަސައްކަތުގައި އަވަދިނެތި އެވެ. އެންމެ ފަހު މިނެޓާ ޖެހެންދެން ގޭތެރެއާ މެދު މާ ބޮޑު އަޅާލުމެއް ނުދެވި އޮތަސް ހާސްނުވާށެވެ. މި ކިޔައިދެނީ ރޯދައިގެ ކުރިން އަދިވެސް ސާފުކޮށްލެވިދާނެ ފަސޭހަ ގޮތެކެވެ.
އަހަރެމެން ދިރިއުޅޭ ޖާގައިގެ ގޮތުން އެއްެޗެހި މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ގޭތެރޭގައި އެއްޗެހި މާ ގިނަވެއްޖެ ނަމަ ހާސްކަން އިތުރުވެގެންދެ އެވެ. ރޯދަމަސް ފެށުމުގެ ކުރިން ދިރިއުޅޭ ތަނުގައި އެއްޗެހި މަދުކުރާށެވެ. ބަހައްޓަން ބޭނުން އެއްޗެއްސާއި އެހެން މީހަކަށް ދޭން ބޭނުން އެއްޗެހި އަދި އުކާލަން ބޭނުން އެއްޗެހި ވަކިކުރާށެވެ.
އެއްފަހަރާ ހުރިހާ ތަނެއް މިގޮތަށް ސާފު ކުރުމަށް އުނދަގޫ ވެދާނެ އެވެ. ނަމަވެސް ގޭގައި އެންމެ ގިނައިން ބޭނުންކޮށް އުޅޭ ތަން، މިސާލަކަށް ބަދިގޭގެ ކައުންޓަަރު މަތި ނުވަތަ ސިޓިން ރޫމްގައި އަދިވެސް މިކަން ކުރެވިދާނެ އެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން އެންމެ ގިނަ މީހުން ސާފުކުރަނީ ބަދި އެވެ. ސަބަބަކީ ރޯދަ މަަހަކީ ކެއިން ބުއިމަށް ބޮޑު ބަދަލެއް އަންނަ މަހެއް ކަމުންނެވެ. މުޅި ބަދިގެ އެއްކޮށް ސާފުކުރުން އެއީ ބޮޑު ކަމެއްގެ ގޮތުގައި ހިތަށް އަރާފާނެ އެވެ. އަދި މިކަމުގެ ބޮޑުކަމުން މި މަސައްކަތް ފަށައިނުގަނެވި ހުރެދާނެެ އެވެ. އެކަމަކު އެއީ އަދިވެސް ކުރެވިދާނެ ކަމެއްގެ ގޮތުގައި ދެކޭށެވެ.
ސާފުކުރަން ފަށާނީ މިހެންނެވެ. އެންމެ ފުރަތަމަ ފަހަރު ކައުންޓަރުތައް ރަނގަޅަށް ފޮހޭށެވެ. އަވަނާއި ފްރިޖު ސާފުކޮށްލާށެވެ. ރޯދަ މަހަކީ ގިނަ ގޭގޭގައި އަވަން ގިނައިން ބޭނުން ކުރާ މަހެކެެވެ. އަވަނަށް އެއްޗެއް ލުމުގެ ކުރިން މުޅި އަވަން އެއްކޮށް ސާފުކުރުމުގެ ބަދަލުގައި މިހާރު އަވަނަށް ގްރީސް ކްލީނާއެއް ޖަހާލައިގެން ރީތިކޮށް ފޮހެ ސާފުކޮށްލާށެވެ.
ރޯދަ މަހު ކާނާ ރައްކާކުރުމަށް ފްރިޖު މުހިއްމު ދައުރެއް އަދާކުރެ އެވެ. ފްރިޖުގައި ކާއެއްޗެހި ރައްކާތެރިކޮށް ބެހެއްޓޭނީ އޭގައި ގިނަ ދުވަސްވެފައިވާ ތަކެތި އުކާލައިގެންނެވެ. ފްރިޖު ސާފުކޮށް، ތާޒާކޮށް ބެހެއްޓުމަށް ހުރިހާ ބައިތަކެއް ރަނގަޅަށް ދޮވެ ސާފުކޮށްލާށެވެ. ގިނަ ދުވަސްވީ ތަކެތި އުކާލާށެވެ. އަދި އެއަށް ފަހު ބޭކިން ސޮޑާކޮޅެއް ފްރިޖުގައި ބެހެއްޓުމުން އެއްވެސް ކަހަލަ ނުބައި ވަހެއް ނުހިފާ ހުރެ އެވެ.
ރޯދަމަހު ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުން ނަމަ، އެކަން ވެސް ކުރަންވީ ވަގުތަކީ މިއީ އެވެ. ފަސޭހައިން ޒީނަތްތެރިކޮށްލެވޭ އަދި ޖީބަށް މާ ބަރު ނޫން ގޮތްތަކެއް ތިރީގައި މިވަނީ އެވެ.
1. ސޯފާގެ ކުޝަން ކަވަރުތައް ބަދަލު ކޮށްލާށެވެ. ކުލަގަދަ ކަވަރުތަކެއް، ނުވަތަ ގޭތެރޭ އެހެން ފަރުނީޗަރާ ގުޅޭ ގޮތަށް ބަދަލުކޮށްފި ނަމަ އާ ދިރުމެއް ގެނެސްދެ އެވެ.
2. ފައިފުހިތައް ދޮވެލާ، ނުވަތަ އާ ކޮށްލާށެވެ. ރޯދައިގެ ޝޮޕިން ލިސްޓުގައި ކޮންމެހެން ފައިފުހި ހިމަނާށެވެ. މިއީ ފުރަތަމަ ގެއަށް ވަދެ ފައި އަޅާތަން ކަމުން، އާ ފައިފުއްސެއް އޮވެއްޖެ ނަމަ ތާޒާކަމެއް ލިބެ އެވެ.
3. ގޭތެރޭގައި މަރުވެފައި، ނުހެދި ހުރި ގަސްތައް އަލުން ރޯކުރެވޭތޯ ބަލަން އެހެން ގަސްތަކެއް އިންދާށެވެ. ގޭތެރޭގައި ގަސް ބެހެއްޓުމަކީ ފެހިކަން އިތުރުކޮށްދީ ތާޒާ ވައި ލިބުމަށް އެހީތެރިވެދޭ ކަމެކެވެ.
4. ދޮރުފޮތިތައް އަދި ސޯފާ ކަވަރުތައް ނައްޓާލާފައި ދޮވެލާށެވެ. އާއްމުކޮށް ނުދޮންނަ އެއްޗެއް ނަމަވެސް ރޯދަމަހަަށް ތައްޔާރުވުމުގެ ގޮތުން ދޮރުފޮތިތައް ދޮވެލާށެވެ. އަދި ފަންކާތައް ފޮޅާލާ، އޭސީގެ ވެންޓްތައް ވެސް ސާފުކުރާށެވެ. މިއީ ގެތެރޭގެ ތާޒާކަން އިތުރުކޮށްދޭނެ ގޮތްތަކެކެވެ.
5. ސާފުކުރުމުގައި އެންމެން ބައިވެރިކުރާށެވެ. ގޭތެރެއަކީ ވަކި މީހެއްގެ ތަނެއް ނޫނެވެ. އެ ގެއެއްގައި ދިރިއުޅޭ އެންމެންގެ މާހައުލެވެ. އެހެންކަމުން ތަރުތީބުކޮށް ސާފުކުރުމުގައި ގޭގައި ދިރިއުޅޭ އެންމެންގެ ހިއްސާ އަދި ބައިވެރިވުން ހޯދާށެވެ.
އެންމެ ފަހު ކަމަކަށް، ރޯދަމަހަށް މަރުހަބާ ކިޔުމަށް ހާއްސަ ބެނާއެއް ގޭތެރޭގައި ދަމާލާށެވެ. މިއީ ރޯދައިގެ ރޫހު ގޭތެރޭ އެންމެންނަށް އިހްސާސްކޮށްދޭ ކަމެކެވެ.
ރޯދައިގެ ކުރިން އަދިވެސް ގޭތެރެ ސާފުކޮށްލެވިދާނެ ފަސޭހަ ގޮތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ