އެމެރިކާގެ މެސެޖެއް ރައްދުކޮށްދިނުމަށް ޕާކިސްތާނުގެ ވަފުދެއް އީރާނަށް

އެމެރިކާގެ ފަރާތުން ދޭ މެސެޖެއް ރައްދުކޮށްދިނުމަށް ޕާކިސްތާނުގެ މަތީ ފަންތީގެ ވަފްދެއް އީރާނަށް ދަތުރުކޮށްފިއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ވަނީ މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވެސް ވަނީ ދުޝްމަނުންނަށް ގެއްލުން ދިނުމަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ހަ ހަފްތާއަށް ވުރެ ގިނަ ދުަވަަހަށް ޙަމަލާ ބަދަލުކުރުމަށް ފަހު އެމެރިކާއާއި އީރާނުން މިހާރު ވަނީ ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމާ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެމެރިކާގެ ވަފުދު ވަނީ ޕާކިސްތާނުން ފުރައިިފައެވެ.
ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް މުނީރު އިސްވެ ހުންނެވި މި ވަފުދުން މެދުއިރުމަތީ ހަނގުރާމައާ ގުޅޭ ޞުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު ވެސް ވިލަރެސް ކުރުމަށް ހަމަޖެހިފައިވެއެވެ. ޕާކިސްތާނުގެ ވަފްދު އީރާނަށް އައުމާއެކު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަނީ އެ ވަފްދަށް މަރުޙަބާ ދަންނަވައިފައެވެ. އީރާނުން ވަނީ އެ ޤައުމާއި އެމެރިކާއިން މަޝްވަރާތަކުގެ ފުރަތަމަ ބުރަށް ފަހުގައި ވެސް ޕާކިސްތާނު މެދުވެރިކޮށް ދެ ޤައުމުން މުއާމަލާތު ކުރަމުން ދިޔަ ކަން ކަށަވަރުކޮށްދީފައެވެ.
މަޝްވަރާގެ ފުރަތަމަ ބުރުގައި ކުރިއެރުމެއް ނުލިބުނު ނަމަވެސް ކުރިއަށް އޮތް ދެ ދުވަހަކީ ރަނގަޅު ގޮތްތަކެއް ވާނެ ދުވަސްތަކެއް ކަމަށް ޓްރަމްޕް ވަނީ އިޝާރާތްކުރައްވައިފައެވެ. އެމެރިކާގެ ވަފްދެއް މަޝްވަރާގެ އިތުރު ބުރަކަށް ޕާކިސްތާނަށް ދަތުރުކުރުން އެކަށީގެންވާ ކަމަށް ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ ޞުލްޙައިގެ ވާހަކަތައް ވިލަރެސް ކުރުމަށް މުނީރު ކުރައްވަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ނިންމާފައިވާ ދެ ހަފްތާގެ މުއްދަތު ހަމަވާނީ މި މަހުގެ 22ވަނަ ދުވަހުއެވެ. މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު ޢަދާ ކުރަމުންދާ ޤައުމުތަކުން ދަނީ މުހިންމު ތިން މައްސަލައަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުންނާއި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާއި، ހަނގުރާމައިގައި އީރާނަށް ލިބިފައިވާ ގެއްލުމަށް ބަދަލު ދިނުމާ ގުޅޭގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ