ފަންސާސް ތިން އަހަރަށް ފަހު އިންސާނުންނާ އެކު އެކު ހަނދަށް ކުރާ ފުރަތަމަ ދަތުރުގައި ނާސާއިން ހަތަރު އެސްޓްރޮނޯޓުން ރޭ ފޮނުވާލައިފި އެވެ.
ނާސާގެ 'އާޓެމިސް 2' މިޝަންގެ ދަށުން ހަތަރު އެސްޓްރޮނޯޓުން ހަނދާ ދިމާލަށް ދަތުރު ފަށާފައިވާއިރު، މިއީ 1972 ވަނަ އަހަރަށް ފަހު އިންސާނުން ހަނދަށް ކުރާ މިފަދަ ފުރަތަމަ ދަތުރެވެ. މިއީ އިންސާނުން އަލުން ހަނދުގެ ފަސްގަނޑަށް ފޭބުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސް ލޯންޗު ސިސްޓަމް ރޮކެޓް އުދުއްސާލާފައިވަނީ އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާއި ކެނެޑާގެ އެސްޓްރޮނޯޓަކާ އެކުގަ އެވެ. ހަނދު ވަށައިގެން ކުރާ މި ދަތުރު ގާތްގަނޑަކަށް 10 ދުވަހަށް ދެމިގެންދާނެ އެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރު ޖެރެޑް އައިސަކްމަން މި މިޝަން ސިފަކުރެއްވީ ހަނދުގައި ދާއިމީކޮށް އިންސާނުން ތިބުމަށް ކުރެވޭ މަސައްކަތުގެ ބިންގާގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ މިއީ ހަނދުގެ ސަތަހައިގައި ދެމިއޮންނާނެ ފަދަ ވަޒަންވެރިކަމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
ދަތުރު ފެށުމުގެ ކުރިން ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން ބުނީ މިއީ މުޅި އިންސާނިއްޔަތަށްޓަކައި ކުރާ ދަތުރެއް ކަމަށެވެ.
މި މިޝަންގައި އެސްޓްރޮނޯޓުން ފަޒާގެ ތެރެއަށް ގާތްގަނޑަކަށް 252,000 މޭލު ދުރަށް ދަތުރުކުރާނެ އެވެ. މިއީ އިންސާނުން މިހާތަނަށް ދަތުރުކުރާ އެންމެ ދުރު ރާސްތާ އެވެ. އަދި މިއީ މި ފެށޭ 10 އަހަރުގެ ތެރޭގައި ހަނދަށް ފޭބުމަށް ރާވާފައިވާ މިޝަންތަކުގެ ކުރިން ކުރެވޭ ޓެސްޓް ދަތުރެކެވެ.
އާޓެމިސް ޕްރޮގްރާމަކީ 2028 ވަނަ އަހަރުގެ ކުރިން އަލުން ހަނދަށް ދިއުމަށާއި ހަނދުގެ މިޝަންތަކުގައި ޗައިނާއިން ގެންގުޅޭ އަމާޒުތަކާ ވާދަކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ އެންމެ މުހިންމު މަޝްރޫއު އެވެ.
ބައި ގަރުނު ތެރޭ އިންސާނުންނާ އެކު ހަނދަށް ކުރާ ފުރަތަމަ ދަތުރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ