ނ. އަތޮޅު ކައުންސިލްގެ ރައީސް އެ ކައުންސިލަށް ދޭންޖެހޭ ލައްކައަކަށްވުރެ ގިނަ ރުފިޔާ ނުދީ އެބައޮތް: އޮޑިޓް

ނ. އަތޮޅު ކައުންސިލަށް ލިބެންޖެހޭ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން، ލައްކައަކަށްވުރެ ގިނަ ރުފިޔާ ނުދައްކާ އޮތީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުކަން އެ ކައުންސިލްގެ އޮޑިޓުން ހާމަވެއްޖެ އެވެ. 
ވީ ކިހިނެއް؟ - އޮޑިޓް އޮފީހުން މިއަދު އާންމުކުރި ނ. އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން، އަތޮޅު ކައުންސިލުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް 2023ވަނަ އަހަރު ނިމުނުއިރު ލިބެންޖެހޭ ޖުމްލަ 2.2 މިލިއަން ރުފިޔާ ނުލިބިވެ އެވެ. އަދި އެ ފައިސާ ހޯދަން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ތަފްސީލް - އެކަމަކު އޮޑިޓަށް ކައުންސިލުން ފޯރުކޮށްދީފައިވާ މައުލޫމާތުގައި ވާގޮތުން 2023ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ރިކޯޑުކޮށްފައިވަނީ ޖުމްލަ 960،124 ރުފިޔާ އެވެ. އެ ފައިސާގެ ތެރޭގައި ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ މީހުން ނުދައްކާ ގިނަދުވަސްތަކެއްވެފައިވާ ފައިސާ ހިމެނެ އެވެ.
އޭގެތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް ކަމަށް ދައްކަނީ ބަޝީރެެވެ. އޭނާ 118،220 ދައްކަންޖެހެ އެވެ. އެގޮތުން:
އެ ފައިސާގެ ތެރެއިން 89،820ރ އަކީ ސްޓޭޓް ހައުސް ނުވަތަ އަތޮޅުގޭގައި 2021ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2023ގެ ނިޔަލަށް ބަޝީރު ހުރިއިރު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ބާކީ 28،400ރ އަކީ ކެމްޕޭން ދަތުރުތައް ހިމެނޭހެން ބަޝީރު ކުރެެއްވި ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާ
މީގެ އިތުރުން، ދެން އެންމެ ގިނައިން ފައިސާ ނުދައްކާ އޮތީ ދައުލަތުގެ އެކި އިދާރާތަކުންނެވެ. އެއީ ވެސް ލޯންޗު ދަތުރުރަކަށް ދައްކަންޖެހޭ ފައިސާ އެވެ. އެތަންތަނަކީ:
އެންވަޔަރަމަންޓް މިނިސްޓްރީ - 114،500ރ
ޕްލޭނިން މިނިސްޓްރީ - 105،100ރ
ނ. ކެނދިކުޅުދޫ ކައުންސިލް - 71،350ރ
ހެލްތް އެންޑް ފެމިލީ މިނިސްޓްރީ - 61،500ރ
އަތޮޅު ވެރިކަންކުރާ ނ. މަނަދޫ ކައުންސިލް - 52،645
އަތޮޅުގޭގައި އެ އަތޮޅު 'ލޯކަލް އޮތޯރަޓީ' ކުންފުނީގެ މުވައްޒަފުން 12 ނޮވެމްބަރު 2023އިން ފެށިގެން އެއްވެސް ފީއެއް ނުދައްކާ ތިބޭކަން ވެސް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އަތޮޅުގެއިން އެއްވެސް ފީއެއް އަތޮޅު ކައުންސިލަށް ލިބެމުންނުދާއިރު، އެތަނުގެ ކަރަންޓު ބިލަށް ނޮވެމްބަރު މަހު ކައުންސިލުން 13،189ރ ދައްކާފައިވާކަމާއި ޖެހިގެން އައި މަހު ވެސް، 9494ރ ކައުންސިލުން ދައްކާފައިވާކަން އޮޑިޓްގައި ފާހަގަކުރި އެވެ. އެކަމަކު އެތަނަކީ ހަމައެކަނި ސަރުކާރާއި ދައުލަތުގެ ބޭނުންތަކަށް ބޭނުންކުރަންޖެހޭ ތަނަކަށްވާތީ އެހެން ބޭނުންތަކަށް އެތަން ބޭނުންނުކުރަން އޮޑިޓްގައި ލަފާދީފައިވެ އެވެ.
މީގެ އިތުރުން، ކައުންސިލުން ބަލަހައްޓާފައިވާ ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ހިމެނިފައިނުވާ 1.2 މިލިއަން ރުފިޔާގެ ތެރޭގައި، ނ. އަތޮޅު ރައްޔިތުންގެ ފަންޑުން ދޫކޮށްފައިވާ ލޯނަށް 502،964 ނުލިބިވާކަން އޮޑިޓްގައި ފާހަގަކުރި އެވެ.
މާލިއްޔަތު ގަވާއިދުގައި ވާގޮތުން ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ހިދުމަތަކުން ނުވަތަ ވިއްކި އެއްޗެއްގެ އަގަށްވާ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން މަސް ދުވަސްތެރޭ ހޯދަންޖެހޭނެ އެވެ. އެ ފައިސާ ނުލިބޭނަމަ ޝަރީއަތަށް ގޮސްގެން ވެސް ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންވެ، އޮޑިޓުގައި ވަނީ އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރަން އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ