ހައި އެޗީވާސް ސްކޮލަޝިޕް އުސޫލަށް ގެނައީ ބޭއިންސާފު ބަދަލެއް، އުއްމީދަކީ އުސޫލު މުރާޖާކުރެވުން: އައިޝަތު އަލީ
ހައި އެޗީވާސް ސްކޮލަޝިޕް އުސޫލަށް ގެނައީ ބޭއިންސާފު ބަދަލެއް ކަމަށާއި, އުއްމީދަކީ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތައް ލިބޭނެ ގޮތަކަށް މި އުސޫލު މުރާޖާކުރުން ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުން ކަމަށް، ކަމާ ގުޅޭ އުސޫލުގައި ކަނޑައަޅާފައެވެ. https://sun.mv/219890 އެ ނިންމުމާ ގުޅިގެން އައިޝަތު އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާއާއެކު ސްކޮލަޝިޕް ހޯދަން މަސައްކަތްކުރާ ދަރިވަރުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ، ބޭއިންސާފު ނިންމުމެއް ކަމަށާއި ދަރިވަރުން ކުރިއަށް ދާން އިޚުތިޔާރުކޮށްފައިވާ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން، އެ ކުދިންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ފަދަ ނިންމުންތަކުގެ ސަބަބުން ދަރިވަރުން ކުރިއަށް ދިޔުމަށް އޮތް މަގުތައް ބަންދުވާނެ ކަމަށް އައިޝަތު އަލީ ގަބޫލުކުރައްވައެވެ. އަދި، އުއްމީދަކީ، އެ ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ފަދަ ގޮތަކަށް މި އުސޫލު މުރާޖަޢާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ