އޮޅުވާލައިގެން ރާއްޖެއިން ވަޒީފާ ދޭނެ ކަމަށް ބުނެ ބަންގްލަދޭޝްގެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ބިދޭސީއަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ފައިސާ ނަގައި، ދިވެހިރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ، ނެޓްވޯކެއް ހިންގައި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑާ ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މުހައްމަދު ހަނީފް ބަޕަރީއެވެ. އޭނާގެ މައްޗަށް ކުރަނީ ލައިސަންސް ނުނަގާ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ދިވެހިރާއްޖެއިން ވަޒީފާ ދޭނެ ކަމަށް ބުނެ ފައިސާ ނަގައިފައެވެ. އަދި އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑާކުރާކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ. ހަމައެއާއެކު އޭނާ ރާއްޖެއަށް އަންނަނީ މުޅިން ވެސް ޓޫރިސްޓު ވިސާގައި ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި އިންޓެލިޖެންސް މައުލޫމާތާއި، ފުލުހުންގެ ބަޔާން ވެސް ހުށަހަޅާފައިވެއެވެ. އަދި އޭނާއަކީ ޓޫރިސްޓު ވިސާގައި އުޅޭ މީހަކަށް ވާތީ، އޭނާ ފިލުމުގެ އިޙްތިމާލު އޮތް ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ. މި ސަރުކާރުން ވެރިކަމަށް އައިސް ވަނީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޚާއްސަ މަޝްރޫއެއް ފަށައިފައެވެ. އޭގެ ތެރޭގައި ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާ އެއްކޮށް، ބިދޭސީންގެ ދަފްތަރެއް އެކުލަވައިލުމާއި، ނުގަވައިދަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމާއި، ޑީޕޯޓުކުރުން ހިމެނެއެވެ. ސަރުކާރުން ވަނީ ތިން އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ