ރެފަރެންޑަމުގައި ވޯޓު ލުމުގެ ކުރިން ރައްޔިތުން ވިސްނަވާލައްވަންވާނެ ބައެއް ކަންކަން ރެފަރެންޑަމުގައި ވޯޓު ލުމުގެ ކުރިން ރައްޔިތުން ވިސްނަވާލައްވަންވާނެ ބައެއް ކަންކަން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އެދުވަހެއްގައި ބޭއްވުމަށްޓަކައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ކުރުކުރުމަށް ފެނޭތޯ ބެލުމަށް ބާއްވާ ދުސްތޫރީ ރިފަރެންޑަމްއާ ގާތްވަމުންދާއިރު، ވޯޓުލުމުގެ ކުރިން ތިރީގައިވާ ކަންކަމާ މެދު ފުންކޮށް ވިސްނާވަޑައިގަތުން އެދެވިގެންވެއެވެ. ތިޔަބޭފުޅުންގެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު މުހިންމު އަސަރުތަކެއް ކުރާނޭ ނިންމެވުމަކަށް ވާތީ، މި ނިންމެވުމަކީ މައުލޫމާތުގެ އަލީގައި ނިންމަވާ ނިންމެވުމެއް ކަމަށް ހައްދަވާށެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ)، ގާނޫނު ހެދުމުގެ ބާރާއި (ރައްޔިތުންގެ މަޖިލިސް) އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓުތައް) ސާފުކޮށް ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަކީ، މި ދެ ބާރަށް ދެވޭ ދަސްތޫރީ ދައުރު މަސްހުނިވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ކޮންމެ ބާރަކަށް އޮންނަ ވަކިވަކި ގާނޫނީ ހައިސިއްޔަތާއި ބާރާއި މިނިވަންކަމަށް ބުރޫއަރައި، ހަމައެކަނި ދެ އިންތިޚާބްގެ ފޯކަސް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފޯކަސްކުރެވުމުގެ ސަބަބުން މަޖިލިސް މެންބަރުންގެ ވަކިވަކި އިންތިޚާބީ ދާއިރާތަކުގެ މަސްލަހަތުތައް ލޯމަތިން ގެއްލި މަޖިލީހުގެ ދާއިރާތަކުގެ ބާރާއި ނުފޫޒަށް އަދި ދާއިރާތަކުގެ ތަރައްގީއާއި ވަކިވަކި މެންބަރުންގެ ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓުންގެ ސަބަބުން އުފެދޭ ސިޔާސީ ރޯޅީގެ ކަނޑަށް މަޖިލީހުގެ މެންބަރުންގެ އިންތިޚާބުގެ ނަޒަރު ޣައަގުވެގެންދާނެއެވެ.
ތަފާތު ތާރީޚެއްގައި ޚާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖަޢާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެއެވެ. ނަމަވެސް އިންތިޚާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެއެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިޚާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެއެވެ.
ރިޔާސީ އަދި މަޖިލިސް އިންތިޚާބު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ވޯޓުލާ މީހުންގެ ދަފްތަރު ތަރުތީބުކުރުމާއި، ދާއިރާތައް ކަނޑައެޅުމާއި، އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މިފަދަ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަކީ އިދާރީގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެ، އިދާރީ ކުށްތައް ހިނގުމާއި، އާންމުންނާއި އޮފިޝަލުން އޮޅުންބޮޅުންވުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދަސްތޫރީ ހަމަތަކާއި ދެފުށް ފެންނަ އުސޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތެވެ.
އެއްފަހަރާ ދެ އިންތިޚާބު ބޭއްވުމަކީ ވޯޓު ކަރުދާހުގެ ބާވަތްތަކާއި، ތަމްރީނުތަކާއި، ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތާއި، ވޯޓު ގުނުމުގެ މަރުހަލާ ދެގުނަވުމެވެ. މީގެ ސަބަބުން އިދާރީ ގޯސްތައް ހިނގުމާއި، ނަތީޖާ އިއުލާންކުރުން ލަސްވުމާއި، ޝަކުވާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިޚާބީ މައްސަލަތައް ނިންމުމަށް ޝަރުއީ ނިޒާމަށްވެސް އިތުރު ބުރައެއް އުފުލަންޖެހޭނެއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިޚާބެކެވެ. ރިޔާސީ އިންތިޚާބުން ކަނޑައަޅަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. މަޖިލިސް އިންތިޚާބަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކޮށް، ޖަވާބުދާރީވުން ކަށަވަރުކޮށްދޭ އިންތިޚާބެކެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން، ދާއިރާއެއްގެ މަސްލަހަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެއެވެ. މީގެ ސަބަބުން މަޖިލިސް މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވެ، މަޖިލީހުގެ މިނިވަންކަން ގެއްލިގެންދެއެވެ. ދުސްތޫރީ އަދި ސިޔާސީ ފަލްސަފާއަށް ބަލާއިރު މި ގޮތަށް ހެދުމުން ނިކުންނަ ނަތީޖާއަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުވުން ކަމަށްވެސް މާނަކުރެވިދާނެއެވެ. އެގޮތަކީ މިހާރު މި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ގޮތެކެވެ.
ގިނަ އިންތިޚާބުތަކެއް އެއް ދުވަހަކު ބޭއްވުމުން ވޯޓު ކަރުދާސް ދިގުވެ، ވޯޓުލާ މީހުން ވަރުބަލިވެ، ކެންޑިޑޭޓުންގެ ފެންވަރަށް ބަލައި ވަކިވަކިން ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ނުވަތަ ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުން އިތުރުވެއެވެ. މީގެ ސަބަބުން ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅިގެންދެއެވެ.
އިންތިޚާބުތައް އެއްކޮށްލުމަކީ ވެރިކަމުގައި ހުންނަ ފަރާތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހަރުދަނާ ބަހުސަކަށްފަހު ކުރަންޖެހޭ ކަމަކަށް ވިޔަސް، އިންތިޚާބާ ދިމާކޮށް މިފަދަ ބަދަލުތައް ގެނައުމަކީ ސިޔާސީ މަންފާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ. އަދި އަސާސީ ހައްގުތަކާއި އިންތިޚާބީ އުސޫލުތަކަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަންޖެހެއެވެ. މިފަދަ އަސާސީ ކަންކަމަށް ބަދަލު ގެނައުމަކީ ގާނޫނީ ހަމަޖެހުމަށް ބުރޫއަރައި، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ 'ޗެކް އެންޑް ބެލެންސް' ނުވަތަ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެދާނެ ކަމެކެވެ.
އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެއެވެ. މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިފަދަ ހާލަތެއްގައި ހަނިވެ، އިންތިޚާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުންގެ ދައުރާއި، މަގާމުން ވަކިވުމުގެ އުސޫލުތައް ވަނީ ވަކިވަކިން ކަނޑައަޅާފައެވެ. އިންތިޚާބުތައް އެއްކޮށްލުމަކީ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ނުވަތަ ގާނޫނީ ނިޒާމުގެ ދުވެލި ހިނގުމުގައި އޮޅުންބޮޅުންތަކެއް އުފެދި، ދައުލަތް ހިންގުމުގެ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ