މައި ދެ އިންތިޚާބު އެއްކޮށްލަނީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން: އެމްޑީޕީ

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ބެހޭގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ގާނޫނުއަސާސީ "ފުނޑާލަން" މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭ ވޯޓުލުމުގެ ހައްގު އެއްކޮށް ނިގުޅައިގަނެ ރިޔާސީ ދައުރު ދަންމާލުމަށްޓަކައި ކަމަށް، އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ތުހުމަތުކުރައްވައިފިއެވެ. މިހާރު ވަކިން އޮންނަ ދެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ގާނޫނުއަސާސީއަށް ހުށަހެޅި އެ އިސްލާހު ފާސްކުރަން ނެގި ވޯޓު އެމްޑީޕީގެ މެންބަރުން ވަނީ ބޯއިކޮޓްކޮށްފައެވެ. އެހެންވެ، މަޖިލީހުން އެ ބިލު ފާސްކުރީ އެމްޑީޕީގެ މެންބަރުންނާ ނުލައެވެ. https://sun.mv/217771 ފާހަގަކުރެވޭ ގޮތުގައި މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން އިއްވައި ވިއްސަކަށް މިނެޓު ވަންދެން ޖަލްސާ މެދުކަނޑާލައިފަވެސްވެއެވެ. މިއަދު ހެނދުނު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު ވިދާޅުވީ، މިއަދާ ހަމައަށް އައިއިރުވެސް ރަސްމީ ސިފައެއްގައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު ކައުންސިލު އިންތިޚާބާ އެކީ އޮންނާނެ ކަން އިއުލާނުނުކުރާ ކަމަށެވެ. އެހެންވެ، ސަރުކާރުން ކަމެއް ފޮރުވަން އުޅޭ ކަމުގެ ތުހުމަތު ޒިޔާދު ކުރެއްވިއެވެ. "އެންމެ ފުރަތަމަ ކަމަކީ މިއަދު ވޯޓަކަށް އަހާލަނީކަމަށް ވެއްޖިއްޔާ ރައްޔިތުންގެ މަޖިލިސް ބާއްވަން ފެނޭތޯ ނޫންތޯ ރައްޔިތުން ގާތު އަހާލަންވީނޫންތޯ؟ އޭރުން ވަރަށް ސާފުވާނެ،" އޭނާ ވިދާޅުވިއެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު "ސަން"އާ ވަހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލަން ހުށަހެޅި އިސްލާހުގެ ފެށުންވެސް ގޯސް ކަމަށާއި، މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރު އިސްލާހުގެ މަސައްކަތް އަވަސްކުރަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. މީކާއީލް ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވާން ސިޔާސީ ޕާޓީތަކަށް އެންގީ ވަގުތު ކުޑަތަންވެފައި އޮއްވާ ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ކޮމިޓީގައި ފުރުސަތުދިނީ ނަމެއްގައި، އެއްވެސް ވަރަކަށް ޕާޓީތަކުގެ މެންބަރުންނާއި ގުނަވަންތަކުގައި ދެ އިންތިޚާބު އެއްކޮށްލުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެންމެ ފުރުސަތެއްވެސް ނުދީ ކަމަށް މީކާއީލް ވިދާޅުވިއެވެ. "ރައްޔިތުން ކައިރިއަށް ދާންވީމާ ޚަރަދުބޮޑުވޭ، ބޮޑު ކަމަކަށްވޭ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ނިޒާމު ފުނޑާލުމުގައި ޕީއެންސީން މިކުރާ ކަންކަމަކީ ޚަރަދާ ގުޅުންހުރި ކަމެއްކަން ފާހަގައެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ. ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާހުގެ މަގުސަދަކީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި ޕީއެންސީން ގާނޫނުއަސާސީ ބަދަލުކުރަން ފެށީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރު ދިގުކުރުމަށްޓަކައެވެ. "ރައްޔިތުންނަށް ލިބޭ ވޯޓުލުމުގެ ހައްގު، އެއީ ޑިމޮކްރަސީ ދިވެހިރާއްޖެއަށް އައިސް، ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބޭނުންކޮށްލަން ލިބުނު ހަމައެކަނި ފުރުސަތު، އެ ވޯޓުލުމުގެ ހައްގު އެއްކޮށް އެ ނިގުޅައިގަންނަނީ، ނިގުޅައިގަނެ ރިޔާސީ ދައުރު ދަންމާލުމަށްޓަކައި،" މަޢުރޫފް ވިދާޅުވިއެވެ. އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އިހުތިޖާޖުކުރަން ޖެހޭ ކަމަށާއި، ނޫނެކޭ ބުނަން ޖެހޭ ކަމަށް، އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ