ޒަކާތުގެ ޤާނޫނުގެ ދަށުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އުފައްދައި މެންބަރުން އައްޔަންކޮށްފި

ޒަކާތު ގާނޫނުގެ ދަށުން، 'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ' އުފައްދައި އެ ކޮމިޓީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންބަރުން އައްޔަނުކުރައްވައިފިއެވެ. ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލަންޖެހޭ ކަމަށެވެ. އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އާއި (ނ)ގައިވާ ގޮތުން ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންޖެހެއެވެ. މި ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ: ޗެއާޕާސަންކަމަށް ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މެންބަރުކަމަށް އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، އިސްލާމިކް މިނިސްޓްރީގެ ނައިބު، މެންބަރުކަމަށް ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީއެމްއެލް އިސްލާމިކް، ބޭންކް އޮފް މޯލްޑިވްސް މެންބަރުކަމަށް އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗްއެސްބީސީ އަމާނާ، މެލޭޝިއާ މެންބަރުކަމަށް ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއާ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް "ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ