ސިރަޕްފުޅިތައް ބަލާ ދިޔަ މީހާ ބުނީ އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ސިރަޕްފުޅިތައް ބަލާ ދިޔަ މީހާ ބުނީ އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައިގައި އެތަކެތި ބަލާ ދިޔަ މީހާއަށް، އެތަކެތީގައި ހުރީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށް ބުނެފި އެވެ.
އެ މައްސަލައިގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެކަކަކީ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ، 47، އެވެ. އޭނާއަކީ މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ.
"މީނާ ފާހަގަކޮށްފައިވާ ގޮތުގައި އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭކަމާއި މީނާއަކީ މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް ބުނެފައިވޭ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތި ހުރި ފޮށިގަނޑު އަހްމަދު އަލީ ބަލާ ދިޔުމުން އޭނާއަކީ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވާ މީހެކެވެ.
މީގެއިތުރުން މި މައްސަލައަކީ ރާވައިގެން އިންތިޒާމުވެގެން ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކޮށްފައިވާ މައްސަލައެއް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.
މި މައްސަލައިގައި ދެން ފުލުހުން ހައްޔަރުކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑު ރާއްޖެއަށް ގެނައި ކުންފުނީގެ އެންމެ އިސް މީހާ އެވެ. އެއީ ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް، 57، އެވެ. އޭނާ ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.
މައްސަލައިގައި ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 30 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރަ އެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ