މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަކަތަ އިގުތިސޯދު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ދެކުނު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ އަރިހުން އެދިއްޖެ އެވެ.
އިރާން ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުމަށް ހުރަސް އެޅިދާނެތީ، ދެކުނު ކޮރެއާގެ ރައީސް ލީ ޖައި މިއުންގް މުޅި ގައުމުގައި ހަކަތަ އިގްތިސާދު ކުރުމުގެ ކެމްޕޭނެއް އިއުލާނު ކުރެއްވީ މިއަދު އެވެ.
މި ކެމްޕޭނުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ އަމިއްލަ ކާރުތައް ބޭނުންކުރުން މަދުކުރުމަށް ވަނީ ނިންމާފަ އެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ ހަކަތަ އިގުތިސޯދު ކުރުމުގެ 12 ފިޔަވަޅެއް އެޅުމަށް އާންމުންނަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި ފެންވަރާ ވަގުތު ކުރުކުރުމާއި، ފޯނާއި އިލެކްޓްރިކް އުޅަނދުތައް ދުވާލު ގަޑީގައި ޗާޖުކުރުމާއި، އަދި ދޮންނަ މެޝިނާއި ވެކިއުމް ކްލީނަރު ފަދަ ތަކެތި ބަންދު ދުވަސްތަކުގައި ބޭނުންކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އެންމެ ގިނައިން ތެޔޮ ބޭނުންކުރާ 50 ކުންފުންޏަކަށް ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަންގާނެ ކަމަށާއި، ވަޒީފާއަށް ނުކުންނަ ގަޑިތަކަށް ބަދަލު ގެނައުމަށް ބާރު އަޅާނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ކުރު މުއްދަތުގެ ފިޔަވަޅުތަކުގެ އިތުރުން، އެނާޖީ މިނިސްޓަރު ކިމް ވިދާޅުވީ މެއި މަހުގެ ނިޔަލަށް ފަސް ނިއުކްލިއާ ރިއެކްޓަރު އަލުން އޮޕަރޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި ބޭރުން ގެންނަ ގޭހަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، ކޯލް ޕްލާންޓްތަކުގެ ގަވާއިދުތަކަށް ލުއިދީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން އެ ގައުމުން ވަނީ މަސައްކަތް ފަށާފަ އެވެ.
ހަނގުރާމައިގެ ސަބަބުން އިގުތިސޯދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި 16.6 ބިލިއަން ޑޮލަރުގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވެސް ދެކުނު ކޮރެއާގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ބަޖެޓުގެ ދަށުން އާންމުންނަށް ކޭޝް ވައުޗަރު ދިނުމާއި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ދެކުނު ކޮރެއާއަކީ ބޭނުންވާ ސާފުނުކުރާ ތެލުގެ 70 އިންސައްތަ އެ ކަނޑުއޮޅިން އެތެރެކުރާ ގައުމަކަށް ވުމުން، އެގައުމަށް ހަކަތައިގެ ބޮޑު ކާރިސާއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ދެކުނު ކޮރެއާގެ އަތުގައި 190 މިލިއަން ފީފާގެ ތެޔޮ ރިޒާވް އެބަހުއްޓެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މި ރިޒާވު ދެ މަސްދުވަހަށް ވެސް ނުފުދޭނެ ކަމަށެވެ.
ހަކަތަ އިގުތިސޯދު ކުރުމަށް ދެކުނު ކޮރެއާއިން ގިނަ ފިޔަވަޅުތަކެއް އަޅަނީ ހަކަތަ އިގުތިސޯދު ކުރުމަށް ދެކުނު ކޮރެއާއިން ގިނަ ފިޔަވަޅުތަކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ