ތެލަސީމިއާ ކުދިންގެ ގަޔަށް ކުނިވެފައި ހުރި ލޭ އެޅި ވާހަކަ ދޮގުކޮށްފި

ތެލަސީމިއާ ކުދިންގެ ގަޔަށް ކުނިވެފައިވާ ލޭ އެޅިފައިވާ ކަމަށް ބުނާ ވާހަކަތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ދޮގުކޮށްފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ.
އެގޮތުން މިމަހުގެ 19ވަނަ ދުވަހު މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރިފަހުން ލޭ ރައްކާކުރުމަށް ބަހައްޓާ ފްރީޒަރު ނަންބަރު 2ގައި 6 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގެ ފިނިހޫނުމިނުގައި ލޭ އެޅުމަށް ނެގުމަށް ރައްކާކޮށްފައިވަނިކޮށް 2 ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިވާވެފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ކަމާގުޅޭ 5 މުވައްޒަފަކަށް އެލާޓް ދިޔުމުން 3 މުވައްޒަފަކު ފްރީޒަރު ހުންނަ ކޮޓަރިއަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އާންމުގޮތެއްގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަންވާނީ 2 އާއި 6 ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމުގައިވިޔަސް ފިނިހޫނުމިން 11 ޑިގްރީ އަރާފައިވާކަން ފާހަގަވުމުން އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަމެއް ސިސްޓަމުގައި އޮޓޯއިން ލޮގު ކުރެވިފައިހުރި ރެކޯޑުތައް ބަލައި ޗެކްކުރުމުންވެސް ސިސްޓަމުން ސާފުކުރެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާގޮތަށް 4 ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ފްރީޒަރުގައި ލޭގެ ޕެކެޓްތައް ބެހެއްޓޭނެކަން ސިއްޙީ މިންގަނޑަކުން އެނގެން އޮންނަ ކަމަށާއި އެހެންކަމުން މިމަހުގެ 20ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން އިދާރާއިން ބަލަންޖެހޭ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތުގެ ތެރޭގައި، މިމަހުގެ 20ވަނަ ދުވަހު ތެލަސީމިއާ ސެންޓަރުގައި ލޭއެޅުމަށްޓަކައި ތިބި 3 މީހަކަށް، އެމީހުންނަށް ލޭ އެޅުމުގެ ބޭނުމަށް އޭގެ ކުރީ ދުވަހު ކަނޑައަޅައި ފްރީޒަރުގައި ރައްކާކޮށްފައި ހުރި ލޭ ހެނދުނުގެ ވަގުތެއްގައި އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ލޭ އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނުފަހުން ކަމަށްވެސް ބުނެފައިވެ އެވެ.
އެގޮތުން ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ޚިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި، ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި އަދި ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުޤީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން އެބަޔާނުގައި ވަނީ މިމަހުގެ 20ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ތެލަސީމިއާ ކުދިން ތިބޭ ޓެލެގްރާމް ގްރޫޕްގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން އާންމުކުރުމާއެކު މަޢާފަށްވެސް އެދި މެސެޖެއް ނެރެފައިވާކަމަށެވެ.
އަދި ލޭ އެޅުނު ފަރާތެއްގެ އާއިލާ ހިމެނޭހެން ބައްދަލުވުމެއް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމްކުރުމާއެކު އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އެހުމާއެކު އެފަރާތްތަކަށް އެވަގުތާ ހަމައަށް ހާމަކުރެވެންހުރި ސައްހަ އަދި ފުރިހަމަ މަޢުލޫމާތު ފޮރުވުމެއްނެތި ހިއްސާކޮށްފަވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުންޏެވެ.
އެހެންކަމުން މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ތެލަސީމިއާ ކުދިންނަށް ހިއްސާކުރި މަޢުލޫމާތުތަކެއް ހިމަނައިގެން، ކަމުގެ ހަޤީގަތް އޮޅުންއަރާގޮތަށް، ތެލަސީމިއާ ބަލި ތަަޙައްމަލު ކުރާ ފަރާތްތަކާއި، ލޭ އެޅުންފަދަ މުހިންމު ޚިދުމަތްތަކާ ގުޅުވައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް މަޢުލޫމާތާއި ޚަބަރު ނުފެތުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ