ޔަހޫދީ ފައުޖުގެ މަޤާމުތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފި

ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ނިރުބަވެރި ޙަމަލާއެއްގައި, އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލައިފިއެވެ. އެ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައި ނެތް ނަމަވެސް, ލުބްނާންގެ ސަލާމަތީ ދާއިރާގެ މަސްދަރުތަކުން ބުނީ, ބައިރޫތުގެ ދެކުނުގެ ސަރަޙައްދަކަށް ބޮންއަޅައި ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ޢަޤީލް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ޢަޤީލަކީ ޙިޒްބުاللهގެ އަސްކަރީ ގޮފީގެ ކޮމާންޑަރެކެވެ. އޭނާއާ އެކު, ޙިޒްބުاللهގެ ބާރުގަދަ ރަޟްވާން ލަޝްކަރުގެ އިތުރު މުޖާހިދުންތަކެއް ޝަހީދު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ މަސްދަރުތަކުން ބުންޏެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ, އެ މީހުން ބައްދަލުވުމެއް ބާއްވަމުން ދިޔަ އިމާރާތަކަށް ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ޙަމަލާތަކުގައި ނުވަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, އިތުރު 59 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީ ފައުޖުން ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައި މި ވަނީ, އެ ޖަމާޢަތުގެ މުޖާހިދުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ދިން ނިރުބަވެރި ޙަމަލާތަކަކަށް ފަހުއެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 37އަށް އުފުލިފައެވެ. އަދި, އިތުރު 3,000އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙީ އޮފިޝަލުން ހާމަކުރިއެވެ.
ލުބްނާންގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ, ބައިރޫތުގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތައް ދެ އިމާރާތަކަށް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, އެ އިމާރާތްތައް ސުންނާފަތި ކޮށްލާފައިވާއިރު, އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤޫލާލަށް ބެލުމެއް ނެތި ބައިރޫތަށް ވައިގެ ޙަމަލާތަކެއް ދީފައިވާނެ ކަން ކަށަވަރު ކޮށްދީފައެވެ.
ޖުލައި މަހުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ބައިރޫތަށް މި ފަދަ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ޙިޒްބުاللهގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލިއެވެ. އެންމެ ފަހުން ޝަހީދު ކޮށްލާފައިވާ ޢަޤީލަކީ, 1983 އަހަރު ލުބްނާންގައި ދިން ބޮމުގެ ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ބަޔަކު މަރައިލުމުގައި ބައިވެރިވެފައިވާ އިސް މީހެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އޭނާ ހައްޔަރުކޮށްފި, ނުވަތަ މަރައިލައިފި މީހަކަށް 7 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ވެސް އެމެރިކާއިން އޮތީ ހުށަހަޅާފައެވެ.
ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމާ ގުޅިގެންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 95,551އަށް އަރައެވެ.
ޙިޒްބުاللهގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު ދަޢުލަތުގެ އުތުރުގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ އަމާޒުތަކަށެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ, ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ. ޢަޤީލް ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ވެސް ޙިޒްބުاللهން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް ފެށުމާ އެކު, އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އަޅަން ފެށިއެވެ.
އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން ކަތުޔޫޝާ މަރުކާގެ 150އެއްހާ ރޮކެޓު ބޭނުން ކޮށްފައިވާ ކަމުގައި އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ޙިޒްބުاللهން ވެސް ވަނީ ގިނަ ޢަދަދެއްގެ ރޮކެޓު ބޭނުން ކޮށްގެން ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަން ކަށަވަރު ކޮށްދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ޔަހޫދީންގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން އެ ޖަމާޢަތުގެ މެންބަރުންނާ ދެކޮޅަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި އޮތީ ޔަހޫދީންގެ ޖާސޫސީ އިދާރާ ކަމަށް ޙިޒްބުاللهން ޤަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ