ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހިފައިވާ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ނުދައްކައިވާ 170 ފަރާތެއްގެ ނަން ހާމަކޮށްފިއެވެ.
މީރާއިން މައުލޫމާތު ދިންގޮތުގައި، މި ލިސްޓުގައި ހިމެނެނީ އެ މުއްދަތުގައި ނުދައްކައިވާ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ޖުމްލަ އަދަދު 100،000.00 ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކެވެ. މި ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން، ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ، ތަފާތު ނޯޓިސްތައް ފޮނުވައި، އިތުރު މުއްދަތުތަކާއި ފުރުސަތުތައް ދީފައިވާކަމަށް މީރާއިން ބުންޏެވެ.
މީރާއިން އިތުރަށް ހާމަކުރިގޮތުގައި، ޓެކްސް ދެއްކުމުގެ ސުންގަޑީގެ 7 ދުވަސް ކުރިން އޮޓޮމެޓިކް ރިމައިންޑަރ ކޯލެއްދީ، ސުންގަޑީގެ 3 ދުވަސް ކުރިން އަދި ސުންގަޑީގަ އާއި ސުންގަޑީގެ 3 ދުވަސް ފަހުންވެސް އެސް.އެމް.އެސް މެދުވެރިކޮށް ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން، ސުންގަޑީގެ 10 ދުވަސް ފަހުން ފުރަތަމަ ނޯޓިސް ފޮނުވައި، އޭގެ 30 ދުވަސް ފަހުން އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް އަޅާނެކަން ބަޔާންކޮށް ފައިނަލް ނޯޓިސްވެސް ފޮނުވައިފައިވެއެވެ.
މީރާއިން އިތުރަށް ބުނީ، މި މުއްދަތުތަކުގެ ތެރޭގައި އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތުވެސް ދީފައިވާކަމަށެވެ. އަދި މިފަދަ އެއްބަސްވުމަކަށް އައިސް، ފައިސާ ދައްކަމުންގެންދާނަމަ އެންފޯސްމަންޓްގެ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް މީރާއިން ހާމަކުރިއެވެ.
މީރާއިން އަބަދުވެސް މަސައްކަސައްކަތް ކުރަމުން ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދީ އެފަރާތްތަކުގެ ޓެކްސް ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްކަމަށް ބުނެ، ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 44،390 އެސްއެމްއެސް، 22,761 ފޯނުކޯލް، އަދި 30,550 ނޯޓިސް ޓެކްސްދައްކާ ފަރާތްތަކަށް ފޮނުވައިފައިވާކަމަށް މީރާއިން ހާމަކުރިއެވެ. މީގެ އިތުރުން 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައިވާކަމަށްވެސް މީރާއިން ބުންޏެވެ.
މީރާއިން ޓެކްސްދައްކާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވަނީ ޓެކުހުގެ އިލްތިޒާމްތައް ސުންގަޑިއަށް އަދާކުރަމުން ގެންދިއުމަށެވެ. މީރާއިން ވަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން އިޢުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މި ފިޔަވަޅަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީރީން ޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މީރާއިން އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، ޓެކްސް ދެއްކުމުގެ ޘަޤާފަތް އިތުރަށް ހަރުދަނާވެ، ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލެކެވެ. މިކަމުގެ ސަބަބުން، ޓެކްސް ދެއްކުމުގެ މުހިންމުކަން އާންމުންނަށް އިތުރަށް އޮޅުންފިލައި، ޓެކްސް ދެއްކުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ