ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފި: ނާއިބު ރައީސް

ސްޓެލްކޯ އިން ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނި -- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.އެމަނިކުފާނުގެ ވާހަކަފުޅުގައި ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. މިގޮތުން މާލެ ސަރަހައްދާއި މާލެ ކައިރީ ސަރަހައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކުވެރި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަން ދިނުމަށް ގޮވާލެއްވި އެވެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދެއްވާ ކަމަށާ މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސްގެ ނާއިބުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ލާމަރުކަޒީ ކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ