އޮޅުވެލިފުށީގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ

ޅ. އޮޅުވެލިފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަންނަ ރޯދަ މަހުގެ ކުރިން ހައްލުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ވަނީ ރަށުގެ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އެ ގޮތުން ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުކޮށް ދެއްވާނެ ކަމަށާއި ފެނަކައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އެކަން ވަރަކަށް ގާތުން ބައްލަވައި މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސްކޫލްގައި ހުއްޓިފައި ހުރި 10 ކްލާސްރޫމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިން މިހާތަނަށް ކުރި މަސައްކަތަށް ފައިސާ ދީފައިވާ ކަމަށާއި މަސައްކަތް ނިންމުމަށް ކުންފުންޏަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ