ކޮޅެެއްގައި ނުޖެހި އަފްގާން-ޕާކިސްތާނު މަޝްވަރާތައް ނިންމާލައިފި

އަފްގާނިސްތާނާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވި މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި، ތިން ދުވަހުގެ ބައްދަލުވުން ނިންމާލާފައިވާ ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ދިގު މުއްދަތެއްގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ތުރުކީވިލާތުގައި ބޭއްވި ބައްދަލުވުމުން ނަތީޖާއެއް ނުނިކުތް ކަމަށް މިއަދު ނިންމި އިރު، އިއްޔެ ވަނީ ދެ ގައުމުން އެއް ގައުމުން އަނެެއް ގައުމު ކުށްވެރިކޮށްފަ އެވެ. 
އެ މަޝްވަރާތައް ފެށީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ މެދު ޕާކިސްތާނާއި ތާލިބާން ސަރުކާރާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ޕާކިސްތާނުން ބުނަނީ މި މަހު ކުރީކޮޅު ބޯޑަރުގައި ދިން އެ ހަމަލާތަކުގެ ފަހަތުގައި ވަނީ އެ ފަރާތްތައް ކަމަށެވެ.
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ސަރުކާރުން ވަނީ ހަތިޔާރު އެޅި ހަނގުރާމަވެރިންނަށް ހިތްވަރުދޭ ކަމަށް އިންކާރުކޮށްފަ އެވެ. އަދި އޭގެ ބަދަލުގައި ޕާކިސްތާނުން ވައިގެ ހަމަލާތައް ދީގެން އަފްގާނިސްތާނުގެ އިސްތިގުލާލަށް އަރައިގަންނަ ކަމަށް ވެސް އަފުގާނިސްތާނުން ތުހުމަތުކުރެ އެވެ.
ތާލިބާނުން 2021 ވަނަ އަހަރު އެ ގައުމުގެ ވެރިކަމާ ހަވާލުވި ފަހުން ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ފަރާތުގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ގަތަރާއި ތުރުކީއާ ދެމެދު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުގަ އެވެ. ނަމަވެސް ދާއިމީ ސުލްހައަށް ވާސިލުވުމަށް ކުރާ މަސައްކަތް މިހާރު ވަނީ ހުއްޓިފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލުން ބުނި ގޮތުގައި ތުރުކީގެ މީޑިއޭޓަރުން އަދި ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ހަމަނުޖެހުން ހައްލުކޮށް މަޝްވަރާތައް އަލުން ފެށުމަށެވެ.
ޕާކިސްތާން ޓީވީން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މައްސަލަ ހައްލު ކުރަން އެންމެ ފަހުގެ މަސައްކަތްތައް އަދި ވެސް އަންނަނީ ކުރަމުންނެވެ.
ނަމަވެސް ރޮއިޓާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މަޝްވަރާތައް ނިމިފައި ވަނީ ވެސް ކުރިއެރުމެއް ނުލިބި އެވެ.
އެ މަޝްވަރާތައް ކޮޅެއް ނުޖެހުމުގައި އެންމެ ބޮޑު މައްސަލައަަކަށްވީ ޕާކިސްތާން ތާލިބާން (ޓީޓީޕީ) ހުއްޓުވަން ކާބުލް އިން އެއްބަސް ނުވުމެވެ. އެއީ އަފްގާނިސްތާނުގެ ތާލިބާން ސަރުކާރާ ވަކިން އުފެދިފައިވާ ފެކްޝަނެކެވެ. އެއީ ޕާކިސްތާނާ ދެކޮޅު ޖަމާއަތެކެވެ.
އިސްލާމްއާބާދުން ތުހުމަތު ކުރާ ގޮތުގައި ޓީޓީޕީން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ އެއްވެސް ހުރަހެއް ނެތި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ