ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ދަށުން މިއަދު ރަސްމީކޮށް ހުއްދަ ދިން ރާއްޖޭގައި ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓު 2028 ގެ ނިޔަލަށް އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެނައުމަކީ ކުންފުނީގެ އަމާޒު ކަމަށް މަޝްރޫއު ހަވާލުކުރި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފި އެވެ.
އެކޮނޮމިކް މިނިސްޓްރީން މިއަދު ރަސްމީކޮށް ހުއްދަ ދީފައިވަނީ ނ. އަތޮޅުގައި މަޝްރޫޢެއް ހިންގުމަށް ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫއުއަށް ނަން ދީފައިވަނީ "ޕްރޮޖެކްޓް އައިލާ" ގެ ނަމުންނެވެ.
ރަސްމީ ހުއްދަ ދިނުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ވިދާޅުވީ، ސަސްޓެއިނަބަލް ޕްރޮޖެކްޓްގެ ހުއްދަ ރަސްމީކޮށް ލިބުމުން އުފާކުރާކަމެއް ކަމަށާއި އަދި ޓައުންޝިޕެއް ޤާއިމުކުރުމަށް އެފަދަ ހުއްދައެއް ލިބުނު ފުރަތަމަ ކުންފުންޏަކަށް ވުމަކީ ލިބޭ ޝަރަފެއްކަމަށެވެ.
މިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިފަދަ މަޝްރޫޢުތައް އިތުރުވުމަކީ އޭގެ ސަބަބުން ރާއްޖެއަށް އިޖްތިމާޢީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއް ކަމަށެވެ. އޭނާ ވަނީ މި ޕްރޮޖެކްޓް ތާވަލުކުރެވިފައިވާ ގޮތަށް 2028ގެ ކުރިން ނިންމާ އޮޕަރޭޝަނަށް ގެނައުމަށް ކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
ސަރުކާރުގެ ވިޔަފާރިއަށް ލުއިދޭ ސިޔާސަތުގެ އެހީތެރިކަމާ ނުލައި މި މަސައްކަތް ކުރެވުމަކީ ނާދިރު ކަމެއްކަން ފާހަގަކުރައްވައި ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ވަނީ ސަރުކާރުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކޮށްގައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވިގެންދާނެކަންވެސް އެވުޒާރާއިން ފާހަގަކުރެއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.
އަމާޒަކީ ޓައުންޝިޕް ޕްރޮޖެކްޓު 2028 ގެ ނިޔަލަށް އޮަޕަރޭޝަނަށް ގެނައުން - ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ