ޢިބްރަތްތެރި ވާހަކަ: އަތްމަތި ދަތިވެގެން މަންމަ އައުމުން އަނބިމީހާ ވިހަން ބަހައްޓާފައިހުރި ރުފިޔާކޮޅު ދިން މީހަކަށް ބަދަލުގައި މާގިނައިން ލިބުނު ހާދިސާއެއްގެ ވާހަކަ-

އެއިރު ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ އަނބިމީހާގެ ބަނޑަށް 8 މަހެވެ. ވިހެއުމަށް ބޭނުންވާނެ ހުރިހާ އެއްޗެއްހެން ގަނެ އަތްމަތި ހުސްވި ވަޤުތެވެ. އަތުގައި ހުރީ ވިހެއުމަށް ބޭނުންވާނެ ފައިސާ އެކަންޏެވެ. 
އެއްދުވަހަކު މަންމަ އައިސް ބުނީ ބައްޕަ ބަލިވެގެން އުޅުނުއިރު ކުރަންޖެހުނު ޚަރަދުބޮޑުކަމުން އަތްމަތި އެކުގައި ހުސްވެއްޖެކަމަށާއި ދެވެން އޮތްނަމަ މަންމައަށް ފައިސާކޮޅެއް ދިނުމަށެވެ. ދޮންބޭބެ ގާތަށް ދިއުމުން އެހީއެއް ނުލިބުނު ކަމަށެވެ. 
މަންމައަށް ފައިސާދޭން ބޭނުންވިއެވެ. ނަމަވެސް އެކަމަށް އިސްނަގާކަށް ނުކެރުނެވެ. ކުރިމަތީގައި އޮތް ކަންތައް ބޮޑުކަމުންނެވެ. އަހުރެން ބަހެއް ނުބުނުމުން މަންމަ ގާތުގައި މަޑުކޮށްލަން ބުނެފައި އަނބިމިހާ ދިއައީ ކޮޓަރިއަށެވެ. 2000 ރުފިޔާ ހިފައިގެން އައިސް ދީފައި ބުންޏެވެ. "މަންމާއެވެ. ވިހަން މިހައި ގާތްވެފައި އޮތުމުން މިވަރުން މިވަޤުތު ފުއްދައިލާށެވެ. އެކަމަކު ދަތިވެއްޖެނަމަ އަދިވެސް އަންނާށެވެ. އަހުރެމެން ތިބި ރަޙްމަތެއްގައި މަންމަމެންވެސް ތިބޭނެއެވެ." 
އެވަޤުތު އަނބިމީހާގެ ފަަޔަށް ބޮސްދޭންވެސް ހިތަށް އެރިއެވެ. އެހައިވެސް އަސަރުކުރިއެވެ. ނަމަވެސް ލޯބިން ފިރުމައިލުމަކުން ނިންމައިލީއެވެ. އަނބިމީހާ ޖޫސްތަށްޓެއް ދިނުމުން ވަރަށް ހެޔޮ ދުޢާކޮށްފައި ނުކުންނަމުން ބުންޏެވެ. "އަންގާނީ ވިހައި ހުރިހާ ކަމެއް ނިމުނީމައެއް ނޫނެވެ. ހޮސްޕިޓަލަށް ދަމުންނެވެ. ބައްޕަ ގަދަނަމަ މިހާރު ހުންނާނީވެސް ދަރިންގެ ގާތުގައެވެ."
މަންމަ ދިއުމުން އަނބިމީހާއަށް ޝުކުރުގެ ބަހެއް ބުނެފައި "ތިއަ ފައިށާ ދިނީމައި ހޮސްޕިޓަލް ބިލްދައްކަން ދަތިވާނެ ނޫންތޯ؟" ސުވާލުކުރީމައި ބުންޏެވެ. ތިއަ ދައްކަނީ މާފަހުން ކުރަންޖެހޭނެ ކަމެއްގެ ވާހަކަ އެވެ. މިއަދު މުހިންމީ މަންމައާއިބައްޕައަށް އެހީވުމެވެ. އަހުރެން އެކަންކުރީ ﷲ ތަޢާލާއަށް ވަކީލްކޮށްފައެވެ. ދެރަ ގޮތަކަށް މެދުވެރިއެއް ނުވާނެއެވެ."
ކޮންމެއަކަސް ދުވަސްޖެހުމުން ހޮސްޕިޓަލަށް ގޮސްވިހެއީއެވެ. ނިންމައިގެން ތިބީ ކޮޓަރި ހިފުމުގެ ބަދަލުގައި ވޯޑުގައި މަޑުކޮށްލުމަށެވެ. އެހެންވެ ކޮޓަރި ހޯދަން މަސައްކަތެއްވެސް ނުކުރަމެވެ.
އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ވިހާކޮޓަރިން ނުކުމެވުނީ އަހުރެންގެ ކުޑައިރުގެ އެކުވެރިއެއްގެ ކުރިމައްޗަށެވެ. އައިސް އޮޅުލައިގެންފައި މަރުޙަބާކިިޔާފައި ބުންޏެވެ. "ރަމީޒް  ދުވަހަކުވެސް އަހުރެންގެ ގާތަކު ކަމަކު ނުއެދެމުއެވެ. ވީމާ މިއަދަކީ އަހުރެންގެ ދުވަހެވެ. މިއޮތީ ހަދިޔާއެކެވެ. ހޮސްޕީަލު ބިލާއިމެދު ނުވިސްނާށެވެ. އެންމެ ފެންވަރު ރަނގަޅު ކޮޓަރިއެއް ހޯދާށެވެ. ބިލް ދައްކާނީ އަހުރެނެނެވެ. އަދި ފަހުން ބައްދަލުކުރާނަމެވެ."
އެއަޑު ނަރުހުންނަށް އަޑުއިވުނެވެ. ބުންޏެވެ. "ރަމީޒް ބާރަށް ކައުންޓަރަށްދާށެވެ. ދެންމެ ހުސްވި ކޮޓަރިއެއް އަދި ހުންނާނެއެވެ. އެކޮޓަރީގައި ތިބި މީހުން ގެއަށް އެދިއައީ ދެންމެއެވެ. އަހުރެމެން މިދަނީ ކޮޓަރިއަށެވެ."
ކައުންޓަރަށް ގޮސް އެވާހަކަ ބުނުމުން ބުނީ ކިޔޫގައި އޮތް މީހާ ކޮޓަރި ބޭނުން ނުކުރިކަމަށާއި އެހެންވެ އެކޮތަރި ދެވިދާނެ ކަމަށެވެ. ނަޞީބު ރަނގަޅުކަމުން ކޮޓަރި ލިބުނެވެ. ދެނަ ބަލައިލެވުނީ އެކުވެރިޔާ ދިން ހަދިޔާއަށެވެ. ބަލައިލިއިރު އެއީވެސް ފަސްހާސް ރުފިޔާއެވެ. އުފަލުން ވީގޮތްވެސް ބުނެދޭކަށް ނުއެނގުނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާކޮށް މިލީ އަތްމަތި ދަތިނަމަވެސް މައިންބަފައިންނަށް އަޅާލައި އެހީތެރިވުމުން ކުރާ ފައިދާ ބުނެލުމަށެވެ. އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ.
 
 
 
- ރަމީޒް / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ