'ބޭޑްސް އޮފް ބޮލީވުޑް': ހުރިހާ ރަހަތަކެއް ވެސް އެކުލެވޭ ތިއޭޓަރުތަކަށް ހާއްސަ ޝޯއެއް

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރިއަން ޚާން އަމިއްލައަށް ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޓްރެއިލާ ދައްކާލައިފިއެވެ. އަރިއަންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓް އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ މި ވެބް ސީރީސް އަކީ ހުރިހާ ރަހަތަކެއް ވެސް އޭގައި އެކުލެވޭ އެހެންނަމަވެސް ތިއޭޓަރުތަކަށް ހާއްސަ ޝޯއެއް ކަމަށް ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މިއީ އޭގައި އެކްޝަން، ޑްރާމާ އަދި އެކި ކަހަލަ ޖަޒުބާތުތައް ފެންނާނެ ސީރީސްއަކަށް ވުމުން ގޭގެ ސިޓިންގްރޫމްގައި ތިބެގެން ބެލުމަށްވުރެ ބޮޑަށް ތިއޭޓަރުތަކުގައި ތިބެ ވަރަށް ފޯރީގައި މި ޝޯ ބަލާލުމަކީ މުޅިން އެހެންކަހަލަ ތަޖުރިބާއަކަށްވާނެ ކަމަށް ވެސް އެއްބަޔަކު ވަނީ ބުނެފައެވެ. ބަތަލާ ސަހެރް ބަމްބާ--ފޮޓޯ/ފިލްމުފެއަ މި ސީރީސްގައި ދައްކުވައިދެނީ ވަރަށް އާދައިގެ އާއިލާއަކުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ޒުވާނަކު ބޮލީވުޑްގެ އެންމެ އުހަށް ދަތުރުކޮށް ކާމިޔާބީއާ ހަމައަށް ވާސިލުވާ މަންޒަރެވެ. ވަރަށް ފިލްމީ ގޮތަކަށް ގެނެސްދީފައިވާ އެ ކެރެކްޓާ ކުޅެފައި ވަނީ ފިލްމު "ކިލް"އިން ގިނަ ބައެއްގެ ތަރުހީބު ހޯދި އެކްޓަރު ލަކްޝްޔައެވެ. ލަކްޝްއާ އެކު މި ސީރީސްގެ ބަތަލާގެ ރޯލްއިން ފެންނާނީ 2019 ވަނަ އަހަރު ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް"އިން ބޮލީވުޑަށް ތައާރަފްވި ސަހެރް ބަމްބާއެވެ. މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެ "ބޭޑްސް އޮފް ބޮލީވުޑް"ގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ މޯނާ ސިންގް، ބޮބީ ޑިއޯލް، ރާގަވް ޖުޔަލް، ގޯތަމް ކަޕޫރު، މާނަވް ޗޯހަން، އަދި ބޮބީ ޑިއޯލް ހިމެނެއެވެ. މީގެއިތުރުން މި ސީރީސްގެ ހާއްސަ ފެނިލުންތަކުން ފިލްމު އިންޑަސްޓްރީގެ އޭ-ލިސްޓު ތަރިން ކަމަށްވާ އާމިރު ޚާން، ޝާހްރުކް ޚާން އަދި ސަލްމާން ޚާން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ