ޚަރަދު ކުޑަކުރާ ވާހަކައަކީ އަޅުވާ އަނދުނެއް، އެ ކަމެއް ނުކުރާނެ: ޔާމީން
ޚަރަދު ކުޑަކުރާ ވާހަކައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކައެއް ކަމަށާއި، އެ މަސައްކަތެއް މި ސަރުކާރުން ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި މަލާމާތުގެ ރާގަކަށް ޔާމީން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ރަށްރަށުގައި ތިން ކައުންސިލަރުން، ނުވަތަ ކަތީބުން ބެހެއްޓޭނެ ކަމަށެވެ. މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޮޑު ޚަރަދުގައި ރަށްރަށުން މީހުން ގެނައުމަށް ފަހު ވެރިކަންކުރާ ޕީއެންސީން މި މަހުގެ 14ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާއަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ ޖަލްސާއަށް އެކަނި ވެސް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ. އެހެންވެ، ސަރުކާރުން ޚަރަދު ކުޑަކުރާ ވާހަކަ ބުނުމުން ގަބޫލުކުރާނީ ކޮން ރައްޔިތެއްތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. "ސީރިއަސްލީ ޚަރަދުކުޑަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައި، ރައީސް އޮފީހަށް ވައްދާފައި ތިބި ހުރިހާ ސިޔާސީ މީހުންތައް ބޭރުކޮށްފައި، އެހެން މިނިސްޓްރީތަކުގައި ހުރި ހުރިހާ ސިޔާސީ މީހުންތައް ބޭރުކޮށްފައި، މިކަހަލަ ކަންތައްތަކެއް ކޮށްފައި ދެން ކަމެއް ކޮށްފި ކަމަށް \ވަންޏާ ދެން މީހަކު ވިސްނާލަފާނެ. އާން، މި މީހުން ކަމެއް ކުރެޔޭ،" އެ މަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ މޫސާ ނަދީމް އެހެންވީމާ ޚަރަދުކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކައެއް، ޚަރަދު ކުޑައެއް ނުކުރާނެ މި ސަރުކާރުން،ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތްކުރާތީ އެ ކަމަށް ވެސް ޔާމީން ފާޑުވިދާޅުވިއެވެ. ޔާމީން ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށްރަށުގެ ކަންކަން އަތޮޅު ފެންވަރުގައި ކުރަނީ އަތޮޅު ކައުންސިލްތަކުންނެވެ. "ދެން އެއްވެސް ރަށަކުން ނެތް އަނެއް ރަށަކާ ވާދައަށް ކުރަން ބޭނުންވާ ކަމެއް، ކީއްތޯ ކުރަން މި އުޅެނީ؟" ޔާމީން ސުވާލު އުފެއްދެވިއެވެ. އަތޮޅު ކައުންސިލްތަކުން ޒިންމާދާރު މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވެ، ވެރިރަށް މާލޭންނާއި ރައީސް އޮފީހުން ކަންކަން ކުރާ ދުވަސް މާޒީވެއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ. ދައުލަތުގެ ތިންބާރު "ބައްކުރުން" ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވިދާޅުވީ ރަށްރަށުން ބިން ދޫކުރާނެ ގޮތްތަކެއް މައި ސަރުކާރަށް ނޭނގޭނެ ކަމަށެވެ. އަތޮޅު ކައުންސިލް އުވާލަނީ ސަރުކާރުގެ ދަށަށް ފަޅުރަށްތައް ނެގުމަށް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ޚަރަދު ކުޑަނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް އެއްވެސް ތަފުސީލެއް ހިމަނާފައިނުވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ދައުލަތުގެ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނުރުހުން ފާޅުކުރައްވާފައިވެއެވެ. https://sun.mv/213672 ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަނުކުރާތީ ދަރަނި އިތުރުވަމުން އަންނަ ކަމަށާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުންނަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ. އެގޮތަށް ސަރުކާރުން ޚަރަދު ކުޑަކުރުން ފަސްކުރެވޭނީ ކިހާ ވަރަކަށްތޯ ސުވާލު އުފައްދަވައި ނިޔާޒީ ވިދާޅުވީ ސަރުކާރުން ޚަރަދުތައް ކުޑަ ނުކުރެވޭނަމަ ދަރަނި ނުހިފެހެއްޓޭ ހިސާބަށް ދާނެ ކަމަށެވެ. https://sun.mv/213866 ހަމަ އެއާއެކު، މިހާރު ވެސް މުސާރައަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ނިސްބަތުން ބޮޑު ކަމަށާއި، އިތުރަށް އެ ޚަރަދު ބޮޑުވާނަމަ ފިސްކަލް ޚަރަދު ނުހިފެހެއްޓޭ މިންވަރަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ގަބޫލުކުރެއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ބަޖެޓުގެ ބޮޑުބައި އެ މުއައްސަސާތަކުގެ މުވައްޒަފުން ޚަރަދަށް ކުރަންޖެހޭތީ މުސާރައިގެ ޚަރަދު އިންތިހާއަށް ބޮޑުވާ ކަމަށާއި، މިނިވަން މުއައްސަސާތައް ކުޑަކޮށްގެން ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެންބަރުން ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ