ޓީވީ ބެލުން މަދުކޮށްލުމުން ޑިޕްރެޝަންގެ ނުރައްކާ 43 ޕަސެންޓް ކުޑަކޮށްދޭ ޓީވީ ބެލުން މަދުކޮށްލުމުން ޑިޕްރެޝަންގެ ނުރައްކާ 43 ޕަސެންޓް ކުޑަކޮށްދޭ

ޓީވީ ބެލުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ކޮންމެ އާބަދީއެއްގައިވެސް އެންމެ ގިނަ މީހުން ދެވިހިފާފައިވާ އެއް ކަންތަކެވެ. މި ކަމުގައި ދެކުނު އިރުމަތީ އޭޝިޔާގެ މީހުން އުޅެނީ އެއް ހަރުފަތް މަތީގައި ކަމަށް ވެސް ބުނެވެއެވެ. މި ނުބައި އާދައިގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތައް ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ޔޫރަޕިއަން ސައިކިއޭޓްރީ ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސައްވީސް ގަޑިއިރުގެ ތެރޭގައި ޓީވީ ބެލުމުގައި ހޭދަކުރާ ވަގުތު، އޭގެ ބަދަލުގައި ކޮންމެވެސް ހަރަކާތްތެރި ކަމެއްގައި މަޝްޣޫލުވެ އުޅުމުން، ޑިޕްރެޝަންގެ ނުރައްކާ 43 ޕަސެންޓް ކުޑަކޮށްދެއެވެ. ވަކިން ހާއްސަކޮށް މެދު އުމުރުގެ މީހުންނަށް، މިކަމުގެ ފައިދާ ބޮޑުކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއވެ.
ޓީވީ ބެލުމުގެ ބަދަލުގައި ޖިސްމާނީ ހަރަކާތެއްގެ ތެރޭގައި ވަގުތު ހޭދަކުރުމުން، މެދު އުމުރުގެ މީހުންނަށް ޑިޕްރެޝަންގެ ނުރައްކާ ކުޑަވިޔަސް، ޒުވާނުންނާއި މުސްކުޅި އުމުރުގެ މީހުންގެ ކިބައިން އެ ނަތީޖާ ނުފެންނަ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ، ޓީވީ ބެލުމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ހަށިގަނޑަށް ކޮންމެވެސް ކަސްރަތެއް ލިބޭ ނުވަތަ ހަރަކާތެއް ގެނުވާ ފަދަ ކަމެއްގައި ވަގުތު ހޭދަކުރުމެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން ޓީވީ ބެލުމުގައި ހޭދަކުރާ ވަގުތު، ހަރަކާތްތެރި އެހެން ކަމަކަށް ނުވަތަ ނިދުމަށް ބަދަލުކޮށްލުމުން، ސިކުނޑީގައި އުފެދޭ ޑިޕްރެޝަންގެ އިހްސާސްތަކަށް ނުފޫޒު ފޯރުވާ ގޮތް ވަނީ ދެނެގަނެވިފައެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެ އިނުމާއި ޑިޕްރެޝަންއާ ދެމެދުގައިވާ ގުޅުމަށެވެ. ޓީވީ ބެލުމަށްޓަކައި އެއްވެސް ހަރަކާތެއް ނެތި ހޭދަކުރާ ވަގުތުތައް، ހަރަކާތްތެރި އެހެން ކަމަކަށް ބަދަލުކޮށްލުމުން ހަށިގަނޑަށާއި ސިކުނޑިއަށް ވާގޮތް ދިރާސާކޮށް ބެލިފައެއް ނެތެވެ.
މިފަހަރު ކުރި ދިރާސާގެ ނަތީޖާއަށް ބުރަވެ، ސައެންސްވެރިން ބުނާ ގޮތުގައި ޓީވީ ބެލުމުގައި ހޭދަކުރާ ވަގުތުން 60 މިނެޓް މަދުކޮށްލައި، އެވަގުތުގެ ތެރޭގައި ހަރަކާތްތެރި އެހެން ކަމެއްގައި އުޅުމުން، ޑިޕްރެޝަންގެ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު 11 އިންސައްތަ ކުޑަކޮށްދެއެވެ. އެ ވަގުތު 90-120 މިނެޓަށް ބަދަލުކޮށްލުމުން، ޑިޕްރެޝަން އުފެދުމުގެ ފުރުސަތު 25.91 އިންސައްތަ ކުޑަކޮށްދެއެވެ.
ޓީވީ ބެލުމުގެ ބަދަލުގައި، ހަރަކާތްތެރި އެހެން ކަމެއްގައި ވަގުތު ހޭދަކުރުމުން، މަންފާ ލިބޭ މިންވަރު އެންމެ ބޮޑީ މެދު އުމުރުގެ މީހުންނަށެވެ. މި އުމުރުފުރާގެ މީހުން ޓީވީ ބަލާ ވަގުތުން 60 މިނެޓް އެހެން ކަމަކަށް ބަދަލުކޮށްލުމުން، ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު 18.78 އިންސައްތަ ކުޑަކޮށްދެއެވެ. އެ ވަގުތު 90 މިނެޓަށް އިތުރުކުރުމުން، 29 އިންސައްތަ ކުޑަވެއެވެ. އަދި އެ ވަގުތު 120 މިނެޓަށް އިތުރުކޮށްލުމުން، 43 އިންސައްތަ ކުޑަކޮށްދެއެވެ.
މި ދިރާސާގައި ފާހަގަކުރެވެނު އެންމެ މުހިންމު އެއް ކަމަކީ، ޓީވީ ބަލަން ހޭދަކުރާ ވަގުތުގެ ތެރެއިން، ގޭތެރޭގެ އާންމު ކަންކަމަށް 30 މިނެޓް ހޭދަކުރުމުން، ޑިޕްރެޝަންގެ ނުރައްކާ އެކަށީގެންވާ މިންވަރާ ގާތަށް ވެސް ކުޑަނުވާ ކަމެވެ. ނަމަވެސް އެ 30 މިނެޓް، ކުޅިވަރުގެ ހަރަކާތަކަށް ހުސްކޮށްލުމުން، ޑިޕްރެޝަންގެ ނުރައްކާ 18 އިންސައްތަ ކުޑަކޮށްދެއެވެ. އަދި އެ 30 މިނެޓް، މަސައްކަތަށް ނުވަތަ ސްކޫލަށް ދިޔުމަށް ހުސްކޮށްލައިފިއްޔާ، ޑިޕްރެޝަންގެ ނުރައްކާ 10.21 އިންސައްތަ ކުޑަކޮށްދެއެވެ.
މީގެ އިތުރުން އެ 30 މިނެޓްގެ ތެރޭގައި ކަމެއް ނުކޮށް އަރާމުކޮށްލަން ނުވަތަ ރައްޓެއްސަކަށް ޒިޔާރަތް ކުރުން ފަދަ ކުރު ދަތުރެއްގައި ހޭދަކޮށްލުމުން ޑިޕްރެޝަންގެ ނުރައްކާ އަށް އިންސައްތަ ކުޑަކޮށްދެއެވެ. އަދި ޓީވީ ބެލުމުގެ ބަދަލުގައި އެ 30 މިނެޓްގެ ތެރޭގައި ނިދާލައިފި ނަމަ، ޑިޕްރެޝަންގެ ނުރައްކާ ނުވަ އިންސައްތަ ކުޑަކޮށްދެއެވެ.
ޓީވީ ބެލުމުގެ ބަދަލުގައި ކުރާ އެހެން ކަންކަމުން ޑިޕްރެޝަންގެ ނުރައްކާ ކުޑަކޮށްދޭ ނިސްބަތަށް ބަލާއިރު، އެ ނުރައްކާ އެންމެ ބޮޑަށް ކުޑަކޮށްދޭ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވުނީ ކުޅިވަރެއް ކުޅުމުގައި ވަގުތު ހޭދަކުރުމެވެ. ކުޑަ ވަގުތުކޮޅެއްގައި ވިޔަސް، ކުޅިވަރެއް ކުޅުމުން، ޑިޕްރެޝަންގެ ނުރައްކާ ކުޑަކޮށްދޭ މިންވަރު މަތިވެއެވެ. ކުޅިވަރުގައި ހޭދަކުރާ ވަގުތު އިތުރުވި ވަރަކަށް އެ މިންވަރު މަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ