ސިޔާސީ ކަންކަމުގައި މަޝްވަރާކުރުމާ ބެހޭ ފަހުމުނާމާއެއްގައި މިސްރާއެކު ސޮއިކޮށްފި
ސިޔާސީ ކަންކަމުގައި މަޝްވަރާކުރުމާ ބެހޭ ފަހުމުނާމާއެއްގައި ރާއްޖެއާއި މިސްރުން މިއަދު ސޮއިކޮށްފިއެވެ. މިސްރުގެ ފޮރިން މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލެވެ. އަދި މިސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު ޢަބްދެލަތީއެވެ. https://x.com/MoFAmv/status/1979543636670054748 މި އެއްބަސްވުމާ ބެހޭ މާ ބޮޑު ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޚަލީލާއި ޢަބްދެލަތީ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. https://x.com/MfaEgypt/status/1979539213717839910 މިސްރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތަމީމް ޚައްލާފު ވިދާޅުވީ، މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި ތައުލީމާއި ވިޔަފާރިއާއި ސަގާފަތުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެ. މިވަގުތު މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ޚަލީލް ބައްދަލުކުރައްވާނެ ކަމަށް، ފޮރިން މިނިސްޓްރީން ބުންޏެވެ. ދިވެހިރާއްޖެއާއި މިސްރާ ދެމެދު ގުޅުން ގާއިމްކުރީ ފެބްރުއަރީ 12، 1969ގައެވެ. މިދިޔަ މަހު ފިލިޕީންސާއެކު ވެސް މިފަދަ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. މި ފަދަ އެމްއޯޔޫތަކުގެ ތެރެއިން ދެ ސަރުކާރުގެ މެދުގައި އެއްބަސްވާ މުހިންމު ކަންކަމާއި، އެއްބަސްވުންތައް ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމުގެ އޮނިގަނޑުތައް ރާވައި އެކުލަވައިލައެވެ. އަދި ދެގައުމުގެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި އެއްބާރުލުން ދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ