ސޯޅަ މަސްދުވަހުން މަސައްކަތް ނިންމައި، ކަރެކްޝަންސްގެ ހެޑްކުއާޓާސް ހުޅުވައިފި

ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހެޑްކުއާޓާސް އިއްޔެ ހުޅުވައިފިއެވެ. މި ތަން ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. ކަރެކްޝަންގެ ހެޑްކުއާޓާސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ---- ފޮޓޯ/ ރައީސް އޮފީސް ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ގާއިމުކޮށްފައިވާ ހެޑްކުއާޓާސް ހުޅުވުމަށް ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން, އެ މަނިކުފާނަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ވަނީ މަރުހަބާ ދަންނަވައިފައެވެ. އެއަށްފަހު، އެ މަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ. ރައީސް އޮފީހުން ބުނީ، ކަރެކްޝަންސްގެ ހެޑްކުއަޓާސްގެ އިމާރާތަކީ، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ. ކަރެކްޝަންގެ ހެޑްކުއާޓާސް ރައީސް މުއިއްޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް އެތަނަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ހެޑްކުއާޓާސް އިމާރާތް ބައްލަވާލައްވާފައެވެ. ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، ކަރެކްޝަންގެ 15 ސެކްޝަނާއި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ