އުމްރާއަށް މީހުން ގެންދާކަމަށް ބުނެ އޮޅުވާލި މައްސަލައިގައި މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ވެރިޔާ 3 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މަޝްއަރު ޓުއާސްއިން އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކުތަކެއް ބައުންސްވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2024 ވަނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލައަކީ މިދިޔަ 2023 ވަނަ އަހަރު އެ ގްރޫޕުން އުމްރާއަށް މީހުން ގެންދަން ފްލައިޓް ޗާޓަރުކުރި އޭސް އޭވިއޭޝަން ފައިސާ ދައްކަން ދިން ދެ ޗެކް ބައުންސްވި މައްސަލައެކެވެ. އެއީ 140،000 އަށް ވުރެ ގިނަ ޑޮލަރުގެ ޗެކަކާއި 90،000 ޑޮލަރުގެ ޗެކެކެވެ.
މި މައްސަލައާއި ގުޅިގެން މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެ އޭނާ 3 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ފެބްރުއަރީ 5، 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާރިޝްގެ މައްޗަށް 7 ދައުވާއެއް ވަނީ ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެކުމުގެ ކުށުގެ 6 ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ޕީޖީން ބުނީ އަލީ ފާރިޝްގެ މައްޗަށް މި ދައުވާކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްއަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައިނުވާތީ އާއި، އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީ ކަމަށެވެ.
އަލީ ފާރިޝް ލޯންޑާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާއާއި، 8،100 އެމެރިކާ ޑޮލަރުކަމަށް ޕީޖީން ވަނީ ބުނެފައެވެ. . މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ. މި މައްސަލައިގައި ދައުވާކޮށްފައިވާނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ފާރިޝް ވަނީ ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި އެ މީހުން އެދުނު ގޮތަށް ފުރަތަމަ 100،000ރ. ޖަމާކޮށްދިން ކަމަށެވެ. އަދި ޓޫވޭ ޓިކެޓުތަކަކުން ދަތުރުކޮށްފައި ވަނީ ޖިއްދާ-މާލެ ސެކްޓާ އެކަނި ކަމަަށާއި އޭގެ ފަހުން ދައްކަންޖެހޭ ކަމަށް ބުނާ އަދަދަކީ އެއްވެސް މުއާމަލާތެއް އެކަމާ ބެހޭ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ފާރިޝް ވަނީ ބުނެފައެވެ.
ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ ސާބިތުވާކަމަށް ނިންމާފައެވެ. އެގޮތުން ކޯޓުން ވަނީ 3 އަހަރާއި 2 މަސް އަދި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، ދައުވާގައި ބަޔާންކުރާ މުއާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށެވެ.
އުމްރާއަށް ގެންދަން ފައިސާ ނަގާ އޮޅުވާލި މަޝްއަރު ގުރޫޕުގެ ވެރިޔާ 3 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ