ބޭރުގެ އެހީ ލިބޭނެކަމުގެ އުންމީދު އެބައޮތް، ލަންކާގެ އިގްތިސޯދު މާ ބޮޑަށް ދަށަކަށް ނުދާނެ: ފެނާންޑޯ
ކޮލަންބޯ (18 ޑިސެމްބަރު 2025): ތޫފާން، ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކުން ވަރަށް އަހަވަށް އަރައިގަނެވިދާނެ ކަމުގެ އުންމީދު ބޮޑުކަމަށް އެ ގައުމުގެ މާލީ ވަޒީރުގެ ނައިބު އަނިލް ޖަޔަންތަ ފެނާންޑޯ ވިދާޅުވެއްޖެއެވެ. ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ފެނާންޑޯ ވިދާޅުވީ މި ކާރިސާއިން އަރައިގަތުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން 200 މިލިއަން އެމެރިކާ ޑޮލަރުގެ އަވަސް ލޯނަކާއި، ވޯލްޑް ބޭންކުން 120 މިލިއަން ޑޮލަރު އަވަސް ލޯނެއް ދޭނެކަން އެ ދެ މުއައްސަސާއިން މިހާރު އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން މާލީ އެހީ ހޯދުމަށް އަންނަ ޖަނަވަރީ މަހު ޑޯނާ ފޯރަމެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށާއި، އެ ފޯރަމްގައި އެތައް ގައުމަކުން ސްރީ ލަންކާއަށް މާލީ އެހީ ދޭނެކަމުގެ އިޝާރާތްތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭރުން މި ފައިސާ ލިބޭނެކަމަށް ބެލެވިފައިވާތީ އަންނަ އަހަރު ސްރީ ލަންކާގެ އިގްތިސޯދަށް މާބޮޑު ލޮޅުންތަކެއް އަރާނެކަމަށް ނުބެލެވޭ ކަމަށާއި، އަންނަ އަހަރުގެ މެދު ތެރޭގައި އިގްތިސޯދީ ދުވެލި ފަސް އިންސައްތާގައި ކުރިއަރާނެކަމަށް ބެލެވޭކަމަށްވެސް ފެނާންޑޯ ވިދާޅުވިއެވެ. މިއަހަރު ސްރީ ލަންކާގެ އިގްތިސޯދު ކުރިއަރާފަ އިވަނީ ގާތްގަނޑަކަށް 4.8 އިންސައްތައިގެ ދުވެއްޔެއްގައެވެ. ތޫފާނުގެ ގެއްލުންތަކާއެކު މި އަދަދުގައި އަންނަ އަހަރުގެ ކުރީކޮޅު ސްރީ ލަންކާގެ އިގްތިސޯދު ކުރިއަށް ނުދާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ފެނާންޑޯ ވިދާޅުވި ގޮތުގައި އައިއެމްއެފްއާއި ވޯލްޑްބޭންކުގެ ލޯނު އެހީއާއި، ޑޯނާ ފޯރަމުން ލިބޭނެކަމަށް ބެލެވޭ މާލީ އެހީއާއެކު އަންނަ އަހަރުގެ މެދެއްހާ ހިސާބު އިގްތިސޯދީ ދުވެލި ފަސް އިންސައްތާގައި ކުރިއަރާނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ސްރީ ލަންކާއަށް އެރި ދިތުވާ ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މިންވަރު ހަތް ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ވަނީ އަންދާޒާ ކޮށްފައެވެ. ފެނާންޑޯ ވިދާޅުވި ގޮތުގައި ތޫފާން ދިތުވާގެ ސަބަބުން ލިބުނު މާއްދީ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތްވަނީ މިހާރު ފެށިފައެވެ. އަދި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތަށް ބޭނުންވާ ޚާއްސަ ބަޖެޓެއް އެކުލަވާލައި، ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މިހާރުވަނީ 1.6 ބިލިއަން ޑޮލަރުގެ ބަޖެޓެއް ޕާލިމެންޓަށް ހުށަހަޅާފައެވެ. މި ބަޖެޓު ޕާލިމެންޓުން ވަރަށް އަވަހަށް ފާސްކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ