އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދެވޭ ގޮތަށް ގަވައިދެއް

ބޭރުގެ އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ދިނުމަށް ނިންމައި، ގަވައިދެއް އާންމުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކުރި އެ ގަވައިދުގައި ވަނީ، ޖެނެރަލް ސޭލްސް އެޖެންޓު (ޖީއެސްއޭ)ކަމާއި ކާގޯ ސޭލްސް އެޖެންޓު(ސީއެސްއޭ)ކަމާއި ޕެސެންޖާ ސޭލްސް އެޖެންޓު(ޕީއެސްއޭ)ކަން ކުރެވޭނީ ދިވެހި ކުންފުނިތަކަށް ކަމަށެވެ. އެޖެންޓުކަމުގެ ހުއްދަ ދޭނީ ވެސް އެ އޮތޯރިޓީން އެކަން ބެލުމަށް ފަހުގައި ކަމަށް ގަވައިދުގައިވެއެވެ. އެ ގަވައިދުގައި ވަނީ، ސޭލްސް އެޖެންޓުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ޕްރޮސެސިން ފީއަކަށް 125 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. ބޭންކު ރޭޓުން ބަލާނަމަ އެއީ، 1927.5 ރުފިޔާއެވެ. އެއާޕޯޓުގެ މުވައްޒަފުންތަކެއް: އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ހަމައެކަނި ދިވެހި ކުންފުނިތަކަށް -- ފޮޓޯ/ އެމްއޭސީއެލް ހަމައެހެންމެ، އާ ގަވައިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކޭޝަން ހަމަވަންދެން އެ ފަރާތްތަކަށް ސޭލްސް އެޖެންޓުންނަށް ހަރަކާތްތެރިވެވޭނެ ކަމަށް އާ ގަވައިދުގައިވެއެވެ. ގަވައިދުގައި ވާ ގޮތުން، ސޭލްސް އެޖެންޓުންނަށް ރަޖިސްޓްރީވެ އެކަމުގެ ހުއްދަ ލިބޭ ކުންފުނިތަކުގެ އޮފީހެއް ރާއްޖޭގައި ހުންނަން ޖެހޭނެއެވެ. އެ އޮފީހުގެ އިތުރުން އެހެން އޮފީހެއް ހުޅުވާނަމަ، އޭވިއޭޝަން އޮތޯރިޓީއަށް އަންގަން ޖެހެއެވެ. އަދި، އެޑްމިނިސްޓްރޭޝަން ފީއެއްގެ ގޮތުގައި، 100 ޑޮލަރު އޮތޯރިޓީއަށް ދައްކަން ޖެހެއެވެ. އެ އޮފީހުގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހޭއިރު، އެ ޝަރުތުތައް ފުރިހަމަނުވާނަމަ 15 ދުވަހުގެ މުއްދަތެއް އެކަން ފުރިހަމަކުރުމަށް އެ ކުންފުންޏަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޭނެއެވެ. ގަވައިދުގައި ބުނީ، ސީއެސްއޭ އޮފީހެއް ހިންގާނަމަ މަދުވެގެން އެތަނެއްގައި 100 އަކަފޫޓު ހުންނަން ޖެހޭނެ ކަމަށެވެ. އަދި، ޕީއެސްއޭ އޮފީހެއް ހިންގާނަމަ ހުންނަން ޖެހެނީ 200 އަކަފޫޓެވެ. https://x.com/ameen3d/status/1981038407062339625 އެ އޮފީސްތަކުގައި ފުލްޓައިމް ދެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. މި ގަވައިދު އާންމުކުރުމުގެ ކުރިން ޓްރާސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން އެކްސްގައި ވަނީ، އެއާލައިންތަކުގެ ސޭލްސް އެޖެންޓުކަން ކުރުމުގެ ހުއްދަ ދިވެހި ކުންފުނިތަކަށް ދޭ ގަވައިދެއް އާންމުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެއީ، ގިނަ ކުންފުނިތަކުން އެދެމުން އައި ބަދަލެއް ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ކުންފުނިތައް ބާރުވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ