ކުންފުނިތަކަށް ފައިސާއެއް ނުދޭނެ، ޗާޕުކުރަނީ މުސާރަ ދޭން: ޔާމީން
ސަރުކާރުން ކުންފުނިތަކަށް ދަރާފައި އޮތީ 2.3 ބިލިއަން ރުފިޔާ ނޫން ކަމަށާއި އެ ފައިސާ ނުދޭނެ ކަމަށް ވިދާޅުވެ، މިހާރު ސަރުކާރުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ފައިސާ ނަގަނީ މުސާރަ ދޭނެ ވަރު ވެސް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ސަޕްލަޔަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ. އެހެން އޮއްވާ އެމްއެމްއޭއިން ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ދޭން މަސައްކަތް ފަށާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ވިދާޅުވެ، ކުންފުނިތަކަށް ދޭންޖެހޭ 2.3 ބިލިއަން ރުފިޔާ ދައްކާ ނިންމަވާނެކަން އިއުލާނުކުރައްވާފައެވެ. އެކަމަކު، އެއީ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ، މާލީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ހިސާބު އަދަދުތައް ހުރި ވަރުން ނަމަ 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްގެން ކުންފުނިތަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދެއްކޭނެ ކަމަށެވެ. ކުންފުނިތަކަށް ދަރާފައި އޮތީ 2.3 ބިލިއަން ނޫން ކަމަށާއި އެ އަދަދު 14 ބިލިއަނަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް "[2.3 ބިލިއަން] އެ ނުވޭ ހުވަނދަކަށް ވެސް،" ޔާމީން ފާޑުވިދާޅުވިއެވެ. "އެއީ ދެން އެ ހޫނުގަނޑު އަރައިގެން ދިޔައީމާ، ތިމަންނަ މި އުޅެނީ ޕްރައިވެޓް ސެކްޓަރުގެ މި ހުރި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ބޭނުމުގައޭ ބުނަނީ. އެކަމަކު، އެއީއަކީ ނޫން މަގުސަދަކީ.... އެ ކަމެއް ނުވެސް ކުރާނެ،" އޭގެ ކުރިން ޔާމީން ވަނީ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި: އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 14 ބިލިއަން ރުފިޔާ އެބައޮތް ސަރުކާރު ކުންފުނިތަކަށް ދޭންޖެހޭ 20 ބިލިއަން ރުފިޔާ އެބައޮތް ސަރުކާރު އޮތީ ޖުމުލަ 32 ބިލިއަން ރުފިޔާއިން ދަރާފައި އެއީ ކުދިކުދި ދަރަނިތައް ނުލާ "މިއީ ދެންމެ ތި ވާހަކައިގައި ފެއްޓި ގޮތަށް މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމާ. ހަމަ އެ ކަމަށް މި ވަގުތުން މި ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށްވާތީ މިކަން މި ކޮށްލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކަށް ދަރާފައި އޮތް ފައިސާގެ އަދަދު ހާމަކުރަން ދެކޮޅު ހައްދަވާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް ފިނޭންސް މިނިސްޓްރީން އަންނަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދަމުންނެވެ. https://sun.mv/212929 ޔާމީން ވިދާޅުވީ، ސަރުކާރުން ޗާޕުކުރަން އުޅޭ 2.5 ބިލިއަން ރުފިޔާއަކީ ދައުލަތެއްގެ ނިސްބަތުން ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އެކަމަކު، ޖުމުލަ 32 ބިލިއަން ރުފިޔާ ދަރާފައި، ބޭރުން ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތިފައި އޮތް ސަރުކާރަކުން އެކަން ކުރާނަމަ ކުރަނީ އެހެން މަގުސަދެއްގައި ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. އެހެންވެ، މިއީ މުސާރަ ދޭނެ ވަރު ވެސް ނެތިގެން ކުރައްވާ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއަށް ސެކަންޑަރީ މާކެޓުގައި ބޮންޑެއް ވިއްކައިގެން 2.5 ބިލިއަން ރުފިޔާ ހޯދަން ނިންމާފައެވެ. އިތުރު ބޮންޑެއް ގަނެގެން އެ ފައިސާ ދޭން ނިންމާފައިވަނީ ސަރުކާރަށެވެ. އެހެންވެ، އެއީ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ، ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. ފައިސާ ޗާޕުކުރުމަކީ އިގުތިސާދީ ގޮތުން ނުރައްކާ ކަމެކެވެ. ސަބަބަކީ، ޑޮލަރަކީ ޗާޕުކުރެވޭނެ އެއްޗަކަށް ނުވުމާއި ދިވެހި ރުފިޔާ އިތުރުވާ މިންވަރަކަށް ޑޮލަރަށް އޮތް ޑިމާންޑް ވެސް ބޮޑުވާނެތީއެވެ. އެހެންވެ، ފައިސާ ޗާޕުކޮށްފި ނަމަ، ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވާނެއެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތިވެ، ރުފިޔާގެ އަގު ވަނީ ގާތްގަނޑަކަށް 30 އިންސައްތައަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ