ސުޕްރީމް ކޯޓުގެ ހުކުމުން ހާމަވީ ފަނޑިޔާރުގެ މިނިވަންވެފައިވާ މިންވަރު: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައިސް ފަނޑިޔާރުގެ މިނިވަންވެފައިވާ މިންވަރު އެނގިގެން ދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - އާންމުންނަށް ރައްޔިތުން މަޖިލީހުގެ ރައީސްއާ ސުވާލުކުރުމަށް ބާއްވާ ސިލްސިލާ ޕްރޮގުރާމް "އާސްކު ސްޕީކާ" ޕްރޮގުރާމްގައި ސުޕްރީމް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމާ މެދު ނަޝީދު ދެކެނީ ކިހިނެއްތޯ އާންމު ރައްޔިތަކު ކުރި ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ހުކުމެއް ކަމަށެވެ.
ރާއްޖޭގެ ވެރިކަމަށް 2،000 އަހަރު ފާއިތުވެގެން ދިޔައިރުވެސް ކުރީގެ ރައީސްއަކަށް ސަލާމަތުން ހުރެވޭ ގޮތަށް ނުވަތަ ރާއްޖޭގައި ހުރެވޭ ގޮތަށް ހުކުމެއް އިއްވި މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މިއަދު ބަލަންވީ މިނިވަންވީ ކޮން ބޭފުޅެއްތޯ ނޫން ކަމަށާއި ޒަމާނުއްސުރެ ރާއްޖޭގައި އޮތް ގޯސް ސަގާފަތެއް ބަދަލުވެ އެކަމުން ހެޔޮ ނަތީޖާތައް ނިކުންނާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން މި ނިންމި ގަޒިއްޔާއަކީ ދިވެހިރާއްޖޭގެ ވެރިއަކު ފުރަތަމަ ފަހަރަށް ވެރިކަމުގައި ނެތީސް ވާދަވެރިން ވެރިކަމުގައި ތިއްބާ [ކުރީގެ ވެރިއަކު] ދޫކޮށްލި ގަޒިއްޔާ، އެނބުރުނު ގަޒިއްޔާ. އެއީ މި ދިވެހިރާއްޖެއަށް ލިބޭ ފަހުރެއް،" ޔާމީންގެ މައްޗަށް އިއްވި ހުކުމާ މެދު ދެކެނީ ކިހިނެއްތޯ ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވި އެވެ.
"ޝަރީއަތެއް ރަނގަޅަށް ކުރެވުމަކީ ގަޒިއްޔާއެއް ރަނގަޅަށް ނިންމޭ ކަމީ، އެއީ މުޅި ރާއްޖެއަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑު މިކަމާ ގުޅޭ ގޮތުން [ޔާމީންގެ ހުކުމާ މެދު] ދެކެނީ ޝަރުއީ ނިޒާމު އިސްލާހުވެ ރަނގަޅުވެގެން ދާތަން ފެނުމަކީ ދިވެހިން އުފާވާނެ ގޮތް. އެދޭނޭ ގޮތް ކަމަށް." 
މުހިންމު ބުނުމެއް - މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިއަދު ފެންނަން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގެ އެއް ހެއްކަކީ ޔާމީން މިނިވަން ކުރަން މިއަދު އިއްވި ހުކުމާ އެކު ރާއްޖޭގެ ފަނޑިޔާރުގެތަކަށް ހެޔޮ ބަދަލު އަންނަމުން ދާކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރި ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ލިބޭ އުފުލަކީ އަޅުގަނޑުމެންގެ ވާދަވެރިން ވެސް ވަރަށް ގިނަ ބަޔަކު ޝަރުއީ ނިޒާމު އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ދައްކަވާ، ފާހަގަ ކުރެއްވުން. ހާއްސަކޮށް ރައީސް ޔާމީންއާ މެދު ސުޕްރީމް ކޯޓުން މިއަދު އެ ނިންމެވި ގަޒިއްޔާއާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެބަދެކޭ ރާއްޖޭގެ ކޯޓުތައް އިސްލާހުވަމުން އަންނަ ކަމަށް. ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ހުކުމުގެ ހުލާސާ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމާއި ބޮޑު ޖޫރިމަނާ ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި ސަބަބުތަކަކީ:
މައްސަލަ ސާބިތުކުރަން ހުށަހެޅި ހެކިތަކާ މެދު ބޮޑެތި ޝައްކުތަކެއް އުފެދިގެން
ކުށް ސާބިތުކުރުމުގައި ބަލާފައިވާ މިންގަނޑު ގޯސްކޮށް ހުރުމުން
ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަން ޔަގީން ނުކުރެވޭތީ
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުުމުގައި ބުނި ގޮތުގައި މަނީ ލޯންޑުރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތު ނުވިޔަސް އެމަނިކުފާނުގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެންވެ، އެ ފައިސާތަކުގެ ހަގީގަތް ބަލައި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމުގައި ވާ ނަމަ އެ ފައިސާ އާއި އެ ފައިސާ ބޭނުންކޮށްގެން ފައިދާއެއް ހޯދާފައިވާ ނަމަ އެ ފައިދާއެއް ދައުލަތަށް އަނބުރާ ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ