ޗާގޮސް މައްސަލައިގައި މީގެ ކުރިން ހަނު ހުރުމަށްފަހު ގާސިމް އިޓްލޮސްއަށް ސިޓީ ފޮނުވައިފި

އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އިމުގެ މައްސަލައިގައި، ދިވެހި ސަރުކާރުން ނަގާފައިވާ ގާނޫނީ ސްޓޭންޑްގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމުން، ޖުމްހޫރީ ޕާޓީގެ (ޖޭޕީ) ގެ ފަރާތުން އެ ކޯލިޝަންގެ ލީޑަރު ގާސިމް އިބްރާހީމް އިޓްލޮސްއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެ ނިންމުމާމެދު، އިދިކޮޅު ފަރާތްތައް ހިމެނޭހެން ރާއްޖޭގެ ގިނަ ރައްޔިތުން އޭރުންސުރެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ޖުމްހޫރީ ޕާޓީ ހިމެނޭހެން އެހެން ސިޔާސީ ޕާޓީތަކުން މީގެ ކުރިން އެ މައްސަލައިގައި އެއްޗެއް ބުނެފައެއްނުވެ އެވެ.
އެ މައްސަލައިގައި މިއަދު އިޓްލޮސްގައި ހުކުމް ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ވަނީ ދިވެހި ސަރުކާރުގެ ނިންމުމާމެދު ކަންބޮޑުވުން އޮތްކަން ހާމަކޮށް އެ ޓްރައިބިއުނަލަށް އިއްޔެ ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީ މިއަދު ޓުވީޓާގައި އާންމުކޮށް، ގާސިމް ވިދާޅުވި ގޮތުގައި އެއީ ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމުން ފޮނުއްވި ސިޓީއެކެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ބުނި ނަމަވެސް ޗާގޯސް މައްސަލައިގައި ސްޓޭންޑް ބަދަލުކޮށް ރަޢީސް، ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ މަޖިލީހުގެ ލަފާ ހޯދުމެއްނެތި އެވެ. އަދި އެ ސިޓީ މިހާތަނަށް ހާމަކޮށްފައިވެސް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ