ކޯވިޑްގެ ކޭސްތައް އިތުރުވަނީ، ހޮސްޕިޓަލުގެ ޢަދަދުތައްވެސް މައްޗަށް

މިދުވަސްވަރު ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. ރައްކާތެރިވުމުގެ ގޮތުން ޢާއްމުން ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަންނަނީ ތަކުރަރުކޮށް ނަސޭޙަތްތެރިވަމުންނެވެ.
ރަމަޟާން މަހުގެ ފަހު ހަފްތާއާއި އެކު ސްކޫލްތަކުގެ މިޑް ޓަރމް ބަންދާއި ދިމާވެ ޢީދުގެ ޗުއްޓީއަށް މިދުވަސްވަރު ގިނަ ބަޔަކު އަތޮޅުތެރެއަށާއި، ރާއްޖެއިން ބޭރަށް އަންނަނީ ދަތުރުކުރަމުންނެވެ. އެހެންނަމަވެސް ކަންބޮޑުވާންޖެހޭ އެއްކަމެއް އެބައޮތެވެ. ރާއްޖޭގައި އިތުރުވަމުން އަންނަ ކޯވިޑްގެ ކޭސްތަކެވެ.
ތަފާސްހިސަބުތައް ދައްކާގޮތުން ކޯވިޑްގެ ކޭސްތައް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެންވަނީ ދަށްވާން ފަށާފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 180އަށް ޕޮޒިޓިވް ކޭސްތައް އެރުމަށްފަހު އޭގެފަހުން ކޭސްތައްވަނީ ދަށްވެފައެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގައި ކޯވިޑް ޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދަށްވުރެ މިމަހުގެ ދެވަނަ ހަފްތާގައި ރިޕޯޓުކުރި މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ ފުރަތަމަ ހަފްތާގައި 84 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ. 17 މީހަކު ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާ ދޭން ފަށާފަށާފައިވެއެވެ. ނަމަވެސް މިމަހުގެ ދެވަނަ ހަފްތާގައި ވަނީ އެ ޢަދަދުތައް އިތުރުވެފައެވެ. އެގޮތުން 148 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ. އޭގެތެރެއިން 100 ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން 11 ކޭސްއެއް ރިޕޯޓުކޮށްފައިވާކަން ތަފާސްހިސަބުތަކުން ދައްކައެވެ. އަދި ސިނާޢީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން 37 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ކޯވިޑް ޖެހިގެން މިހާރުވެސް 28 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުނެއެވެ. ރާއްޖެއިން މިހާތަނަށް 186،042 މީހުން ކޯވިޑައް ޕޮޒިޓިވްވެފައިވާއިރު، 311 މީހުންވަނީ މި ބަލީގައި ނިޔާވެފައެވެ.
މިދުވަސްވަރަކީ ސުކޫލް ޗުއްޓީއާއި ޢީދު ބަންދަށް ރާއްޖެއިން ބޭރަށާއި، އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި، ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެ ދުވަސްވަރަކަށް ވުމުން އެބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ހުރިހާ ފިިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިގޮތުން ބޭރުތެރޭގައި މީހުން އެއްވެ އުޅޭތަންތަނަށް ދިޔުން މަދުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ބޭރަށް ދިޔުމުގައި މާސްކު ބޭނުންކުރުމަށާއި، ބަލީގެ އެއްވެސް ޢަލާމާތެއް ފެންނަނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވެ ޢާންމު ދިރިއުޅުމަށް ދަތިވާނެހެން މީގެކުރިން އުޅުނު ޙާލަތަށް ނުގޮސް ސަލާމަތްވެވޭނީ މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ