ހަތް ލައްކައަށްވުރެ ގިނަ ފައިސާ ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ފިހާރައެއް ފަޅާލައި 7 ލައްކައަށްވުރެ ގިނަ ފައިސާ ވަގައްނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށްވުރެ ގިނަ ފައިސާ ވަގައް ނަގާފައިވާ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭތަން ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގައްނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާއިރު ފޭރުމާއި ވައްކަމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށްއައިސް ވަނީ ވަރަށް ގިނަވެފައެވެ.
އެހެންކަމުން ކުރިއަށްމިދާ ރަމަޟާންމަހު އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދާދި ފަހުން ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ ފައިސާއާއި އެހެނިހެން އަގު ބޮޑެތި ތަކެތި ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް ފުލުހުންވަނީ އާއްމުންނަށް ގޮވާލާފައެވެ.
މީގެ އިތުރުން އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ވިޔަފާރިވެރިންނަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެންމެހައި ރައްޔިތުންނަށް ފުލުހުންވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ