މައުމޫނު ކުއްޔަށް ހިފާފައިހުރި ސައުންޑް ސިސްޓަމެއް ޔާމިންފެކްޝަނުން ގެންގޮސްފި

ހ.ތެމާގައި ޕީޕީއެމްގެ އަހަރީ ޖަލްސާ ބޭއްވުމަށް ކުއްޔަށް ހިފާފައި ހުރި ސައުންޑް ސިސްޓަމެއް ޕީޕީއެމް ޔާމިން ފެކްޝަނުން ގެންގޮސްފައިވާ ކަމަށް މައުމޫނުފެކްޝަނުން ހާމަކޮށްފިއެވެ.
ޕީޕީއެމްގެ 5ވަަނަ އަހަރީ ޖަލްސާ އެޕާޓީގެ މައި އޮފީހުގައި ރައީސް މައުމޫނު ކުރިއަށް ގެންދަވަނިކޮށް ފުލުހުން އެކަމަށް ހުރަސްއަޅާ އެއިމާޜާތް ފުލުހުންގެ ބެލުމުގެ ދަށުށް ގެންގޮސްފައި ވަނިކޮށް އެއޮފީހުގެ ތަޅު ހަލާކުކޮށްލުމަށް ފަހު އެއްޗެހި ހުސްކުރިމައްސަލަ ފެންމަތިވެފައިވަނިކޮށް , މައުމޫނު ފެކަޝަނުން މިވަނީ , ޔާމިން ފެކަޝަނުން ކުއްޔަށް ހިފާފައިހުރި ސައުންޑް ސިސްޓަމެއް ގެންދިޔަ ކަމަށް ތުހުމަތު ކޮށްފައެވެ.
މައުމޫނު ފެކްޝަނުގެ އިސް އޮފިޝަލަކު ވިދާޅުވީ ސައުންޑް ސިސްޓަމް ކުއްޔަށްދިން ފަރާތަށް އެކަން އަންގާފައިޥާނެ ކަމަށާއި އެހެންނަމަވެސް ސައުންޑް ސިސްޓަމް ނުލިބިއްޖެ ހާލަތެއްގައި އެފަރާތަށް މައުމޫނު ފެކަޝަނުން ބަދަލުދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ.
މިމައްސަލަ ބަލައިދުނުމަށް ފުލުހުންނަށް ހުށަހަޅާފައިވީނަމަވެސް ފުލުހުންގެ ފަރާތުން އެކަށިގެންވާ އެއްބާރުލުން ލިބިފައި ނުވާކަން އޮފިޝަލު ފާހަގަކުރެއްވިއެވެ.
މިކަމާގުޅޭގޮތުން ޔާމިން ފެކްޝަނުގެ ސީޖީ އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ "ކޯޓުއަމުރުގައިވާ ގޮތުގެ މަތީން ޕާޓީގެ މުސްތަޝާރާ ޕީޕީއެމް ހަވާލުކުރުމަށް އަންގާފައި ވަނިކޮށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެހެން ބަޔަކަށް ޕާޓީގެ ނަމުގައި ތަކެތި ކުއްޔަށް ނެގިދާނޭ ކަމަކަށް. އަދި އެތަނުގައި އެ ވިދާޅުވާ އެެއްޗެއް (ސްޕީކަރު) ހުރިކަންވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕާޓީގެ އޮފީހުގައި ހުންނާނީ ޕާޓީގެ ތަކެތި. އެހެންވެ އެތަކެތި ގެންދިޔައީ،" ޑރ. ޚަލީލު ވިދާޅުވިއެވެ.
އިތުރަށް ޚަލީލް ވިދާޅުވީ އެހެންމީހެއްގެ ނުވަތަ ބައެއްގެ އެއްޗެއް ނުދެއްވާ ނުހިފައްޓަވާނެ ކަމަށާއި , މައުމޫނު ފެކްޝަނުގެ ބޭފުޅުންނަކީ ޕީޕީއެމްގެ މެމްބަރުން ކަމުގައިޥާނަމަ އެފަދަ އެއްޗެއް ދަރުބާރުގޭގައި ގާއިމްކޮށްފައި ހުރި ޕީޕީއެމްގެ އޮފީހުން ގެންދިއުމުގެ ހުއްދަ ދެއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ