އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ، އެ މައްސަލައިގައި ޝަރީއަތް ދަށު ކޯޓުގައި ހިންގި އިރުވެސް އެ މައްސަލަ ބެއްލެވި ގާޒީ ވަކި ގޮތަކަށް މައްސަލަ ނިންމައިގެން ހުރެ ކަމަށް އިމްރާންގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފިއެވެ.
މިދިޔަ އަހަރު މޭޑޭގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އިމްރާންގެ ވަކީލު އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ ދަށު ކޯޓުގައި ބެއްލެވި ގާޒީގެ ބަސްފުޅުތަކާއި އަމަލުތައް ހުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކަމަށެވެ.
އެގޮތުން ވަކި ގޮތަކަށް މައްސަލަ ނިންމައިގެން ހުންނެވި ކަމަށް ދަށު ކޯޓުގައި ޝަރީއަތް ހިންގި ގާޒީ އަބްދުލްބާރީ ޔޫސުފް އެ ޝަރީއަތުގެ އަޑުއެހުމެއްގައި ވިދާޅުވެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އަލީ ޒާހިރު ވިދާޅުވީ އިމްރާނަށް ކުރި ހުކުމުގެ ސަބަބުން ސިޔާސީ ހަރަކާތްތައް ހިންގަން ހުރަސް އެޅި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެއްލިގެން ގޮސްފައިވާ ކަމަށާއި ސިޔާސީ ހަރަކާތެއްގައި ދައްކާ ވާހަކައަކުން ވެސް ބޮޑު އަދަބެއް ލިބުމުގެ ބިރުވެރިކަން މިހާރު އެބައޮތް ކަމަށެވެ.
އަދި އިމްރާނަށް ހުކުމްކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށްވާއިރު އެ ގާނޫނުގައި ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް އިމްރާންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އިމްރާން ޖަލަށްލާފައިވަނީ ވުޖޫދުގައި ނުވާ ކުށެއް ކުރި ކަމަށް ބުނެ ކަން އިރުގެ އަލި ފަދަ އިން ސާފުވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މިއަދުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މުޒާހަރާގައި އިމްރާން ވާހަކަ ދެއްކެވީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށާއި ހަމަނުޖެހުން ނުހިންގަން ބައެއް ފަހަރު ގޮވާލިޔަސް އަނެއް ބައި ފަހަރު ގޮވާލާފައިވަނީ ހަމަނުޖެހުން ހިންގަން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލްކުރަން އިމްރާންގެ ފަރާތުން އެދުނުއިރު، ދައުލަތުން އެދުނީ އިމްރާންގެ ހުކުމް ރަނގަޅު ކަމަށް ނިންމާ ދިނުމަށެވެ.
ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހުއެވެ.
އިމްރާންގެ މައްޗަށް ހުކުމްއިއްވީ، ގާޒީ ވަކި ގޮތަކަށް ނިންމައިގެން ހުރެ ކަމަށް އިމްރާންގެ ވަކީލުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ