މިނިސްޓަރުގެ މެސެޖު: މޫސުން ވަރަށް ގޯސް، ދަތުރުތައް މަދުކުރައްވާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަށަކުން ފެނާއި ކާބޯތަކެތި ހުސްވެގެން ސަރުކާރުގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށާއި ވިއްސާރައާއި ގުޅިގެން ގެއްލުންވަމުންދާ ރަށްތަކުގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ވީނިއުސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މީގެ 10 ވަރަކަށް ދުވަސް ކުރިން މޫސުމާ ގައުމީ އިދާރާއިން ލަފާ ދިނުމާއި ގުޅިގެން އޭރުން ފެށިގެން ރާއްޖޭގެ ހާލަތު ބައްލަވަމުން ގެންދެވި ކަަމަށެވެ. އަދި މިފަދަ ގުދުރަތީ ހާދިސާތައް ދިމާވާ ވަގުތު ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މީޓިއޮރޮލޮޖީގެ އެ އެންގުމާއި ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީއާ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރާއި އަދި އެމްއެންޑީއެފް ގުޅިގެން މިދަނީ ރާއްޖޭގެ ހާލަތު ބަލަމުން. ދެން ހާއްސަކޮށް އެމްއެންޑީއެފްގެ އެކި ސަރަހައްދުތަކުގައި މިހުންނަ އޭރިއާ ކޮމާންޑް ތަކުން އެ އޭރިއާ އަކަށް ނިސްބަތްވާ އަތޮޅު ތަކުގެ ރަށްތަކުގެ ހާލަތުވެސް ކައިރިން ބަލަމުން މި އަައަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ތިން ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވެ ލ. އަތޮޅާއި ވަކިން ހާއްސަކޮށް މިފަހަރު ތ. އަތޮޅުގެ ރަށްތަކަށް ލިބެމުންދާ ގެއްލުން ބޮޑު ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ލިބިފައިވަނީ ތިމަރަފުއްޓަށް ކަން ފާަހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތ. އަތޮޅުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުން މިހާރު ހަަރަކާތްތެރިވާނެ ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ތ. އަތޮޅަކީ އެތެރެވަރި ކަނޑު ގަދަވާ ހިސާބަކަށްވާތީ އެހިސާބަށް ދިއުމަށް ދަތުރުފަތުރުކުރުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ރަށްރަށުގައި ފެން ބޮޑުވާތީ ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ވެސް ގެއްލުންވާ ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ބަލައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ހެދިފައިވާ ފެން ހިންދުމަށް ޕަންޕް ފޮނުވުމާއި ވެލިބަސްތާ ޖެއްސުމަށް ބޭނުންވާ ގޯނި ފަަދަ ތަކެތި ރަށްތަކަށް ފޮނުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުދުރަތީ މިބާވަތުގެ ހާދިސާތަކުގައި ވެސް ގެއްލުންވުމުން ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ގަބޫލުކުރާ ގޮތަކަށް ހެދޭ އެސެސްމަންޓަކަށް ފަހު ގެއްލުން ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ކަނޑުގަދަވެ ދަތުރުކުރަން ބައެއް ވަގުތުތަކުގައި ދަތިތައް ކުރިމަތިވާ ހާލަތަށް ދާތީ ބައެއް ރަށްރަށަށް ތަކެތި ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އާދެ، ގޮންޖެހުންތައް އެބަހުރި. އަޅުގަނޑުމެންނަށް ވެސް ތ. އަތޮޅަށް އިއްޔެ އަޅުގަނޑުމެން ބޭނުންވި ޕަންޕް އެއްޗެތި ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވި. އެއީ ހަމަ ކަނޑުގަދަވީމާ. އެހެންނަމަވެސް މޯލްޑިވިއަންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގައި ރެއާ އަދި މިއަދު މިހާރު އަޅުގަނޑުމެންނަށް ތ. އަތޮޅަށް ހާއްސަކޮށް އަޅުގަނޑުމެންނަށް ފޮނުވާ ލެވިއްޖެ ޕަންޕާ އަދި ގޯންޏާއި މިފާޑުގެ އެއްޗެތިވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއަށް މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުންވި ނަމަވެސް ފެނާއި ކާބޯތަކެއްޗަށް ދަތިވެގެން އެއްވެސް ރަށަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. ގުދުރަތީ މިފަދަ ހާދިސާތައް ދިމާވުމުން އާއިލާތަކުން ޒިންމާ ނަގައިގެން ވަރަށް ބޮޑަށް ގުޅިގެން އެކަކު އަނެކަކަށް އެހީތެރިވުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާ ކަމަށާއި ވިއްސާރައިގައި ގެއްލުންވި ރަށްތަކުން ވެސް އެ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ކާބޯތަކެއްޗާ ބޯފެނަށް ދަތިވެގެން ސަރުކާރަށް ހުށަހެޅުމެއް ލިބިފައި ނުވަނީ ހާލުގައި ޖެހޭ އާއިލާތަކަށް އެ އާއިލާތަކުގެ އެހެން މެންބަރުން އެހީތެރިކަން ފޯރުކޮށްދޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ މިފަދަ ދުވަސްވަރެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ފޯރުކޮށްދޭ މައުލޫމާތުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ވަރަށް ބޮޑަށް ސަމާލުވެ އެގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް ޑިފެންސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ކޮންމެހެން ދަތުރުކުރަން ޖެހޭ ހާލަތެއްގައި ނޫނީ ދަތުރުތައް ނުކުރުމަށްވެސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.
"ކަނޑުގައި ކަމެއް ދިމާވެއްޖިއްޔާ ވަކިން ހާއްސަކޮށް ކަނޑުގަދަވީމާ އަޅުގަނޑުމެންނަށް އެމްއެންޑީއެފްއަށް ވެސް ދަތުރުނުކުރެވޭ ހާލަތަށް ގޮއްސިއްޔާ އެދެން ވަރަށް އުދަގޫވާނެ ކަމަކަށް ވާނީ. އެހެންވީމާ އެކަހަލަ ރިސްކެއް ނެންގެވުމަށް ވުރެ ހަަމަ ބޮޑަށް ރަނގަޅުވާނީ ހަމަ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރެއްވުން. އަޅުގަނޑުވެސް ޕްލޭން ކުރިން ހަަމަ ފުރައިގެން ދާން ތ. އަތޮޅަށް. އެހެންނަމަވެސް އަޅުގަނޑަކަށްވެސް ސެކިއުރިޓީ ހުއްދައެއް ނުކުރި ދަތުރުކުރާކަށް. އެހެންވީމާ އަޅުގަނޑު ހަމަ އެދޭނީ ރައްޔިތުން ވެސް ވީހާވެސް ދަތުރުތައް މަދުކުރަން. ހަަމަ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން،" ޑިފެންސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން 15 ރަށެއްގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި 42 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށްވެސް އެންޑީއެމްސީން ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ