ކުލަގަދަ ރަސްމިއްޔާތަކާއެކު ސާފް ގޭމްސް ރަސްމީކޮށް މިއަދު ހަވީރު ފަށަނީ

ދެކުނު އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ފަށާނެ އެވެ.
ސާކުގު ހަތް ޤައުމު ވާދަކުރާ މި ކުޅިވަރު ޢީދު، ކަތަމަންޑޫގެ ދަޝްރަތް ސްޓޭޑިއަމުގައި ރަސްމީކޮށް ހުޅުވައިދޭނީ ނޭޕާލްގެ ރައީސް ބިދްޔާ ދާވީ ބަންދާރީއެވެ. މި ރަސްމިއްޔާތުގައި ނޭޕާލުގެ މުއްސަނދި ތާރީޚާއި ސަޤާފަތް ދައްކާލުމާއި ހަވާއެރުވުމުގެ ހަރަކާތްތަކާއި ލޭޒާ ޝޯއަކާއި އެތްލީޓުންގެ ރަސްމީ ހިނގާލުމުގެ އިތުރަށް ޓޯޗް މާޗެއްވެސް ކުރިއަށްދާނެ އެވެ.
ނޭޕާލަށް ކުޅިވަރުން ގިނަ ކާމިޔާބީތައް ހޯދައިދީފައިވާ އެތްލީޓުން ލީޑްކުރާ މި ރަސްމިއްޔާތުގައި ގޭމްސްގެ ރަސްމީ ލަވަ ވެސް އިއްވުން އޮންނާނެއެވެ.
މިއީ ނޭޕާލުގައި މި ގޭމްސް ބާއްވާ ތިން ވަނަ ފަހަރެވެ. މިއަދު ހަވީރު އޮންނަ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލައިދޭނީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ.
އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލައިދިން އެތްލީޓަކީ ފިރިހެން ވޮލީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އިޝާން (ބަޓިސް) އެވެ. އަދި އެންމެ ފަހުން މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދިވެހި ދިދަ އުފުލައި ދިން އެތްލީޓަކީ ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރު އެވެ.
8000 ވަރަކަށް އެތްލީޓުން ބައިވެރިވާ މިފަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް ހިމެނިފައިވެ އެވެ. ރާއްޖޭން މުބާރާތުގައި ވާދަކުރަނީ 11 ކުޅިވަރަކުންނެވެ. ގޭމްސް އޮންނަނީ ކަތަމަންޑޫގެ އިތުރުން ޕޮކަހާރާގަ އެވެ. މި ފަހަރުގެ ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ކުރިން ފެށީ ވޮލީބޯޅަ އިވެންޓެވެ. ރާއްޖޭގެ ފިރިހެން ޓީމު ވަނީ ކުޅުނު ދެ މެޗުން ލަންކާ އާއި ޕާކިސްތާން އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ