ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަގަށް ނަގާފައިވާ ކަމަށް ބުނާ ފައިސާ ހޯދުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މިގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒެވެ. ގައުމީ މަޖިލީހަށް މިގަރާރު ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހްމީ އެވެ.
މިގަރާރުގެ ބަހުސްގައި ގައުމީ މަޖިލީހުގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި އަދަދަށް އެހެން އެއްވެސް ސަރުކާރެއްގައި ހިޔާނާތުގެ އަމަލުތައް ހިންގާފައި ނުވާ ކަމަށެވެ.
މެންބަރުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ތުހުމަތުކޮށް އަދަބުތަކެއް ދިނުމަށްފަހު ރައީސް ޔާމީން އެ މައްސަލަތަކުން ބަރީއަވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ރައީސް ޔާމީންގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް ބަލަންޖެހޭ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ހޯދައި ބެލުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމަށް ބޭރުގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަން ހޯދުމަށްވެސް މިގަރާރަރަށް ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.
ގައުމީ މަޖިލީހުގެ މެންބަރުން މިގަރާރަށް ބަހުސް ކުރައްވާ ނިމުމުން މިގަރާރު ފާސްކުރުމާ މެދު ގައުމީ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
މިގަރާރު ފާސްވުމާ ގުޅިގެން ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ގަރާރުގައި ހޯދަން ބުނެފައިވާ ފައިސާތައް ހޯދުމަށް ދުނިޔޭގައި މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކާ މަޝްވަރާކޮށް އެފަދަ ފަރާތެއް ހޯދާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބަންޑާރަނައިބަކު އައްޔަންކުރުމާއެކު އެމްޑީޕީން ހޯދި ބައެއްގެ މައުލޫމާތު ސަރުކާރާ ހިއްސާކޮށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެވަގުތުން ފެށިގެން ސަރުކާރަށް މަސައްކަތް ކުރެވޭ ވަރަށް އެމްޑީޕީން މިމަސައްކަތް ކޮށްދޭނެ ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ބުނާ ފައިސާ ހޯދުމަށް އެމްޑީޕީން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ