އިންޑިއާ ކަނޑުގެ ގޮންޖެހުންތަކަށް ގުޅިގެން ހައްލު ހޯދަންޖެހޭ: މައުމޫން

އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގައި ސުލްހަ ގާއިމްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު  ކުރުމަށް ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލްތައް މުޖުތަމައުތަކުގައި އަށަގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ސިންގަޕޫރުގައި ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް. ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުން އަންނަ އިންޑިއަން އޯޝަން ކޮންފަރެންސްގަ ވާހަކަފުޅުދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ މި ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން ގައުމުތަކުގެ މެދުގައި ވާހަކަ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ އަދި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ގައުމުތަކުގެ ދާހިލީ ހަމަޖެހުން ވަރުގަދަކުރުން ކަމަށް މައުމޫން ވިދާޅުވި އެވެ.
މިސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިޔުމަން ޓްރެފިކިންގް އާއި މަސްތުވާ ތަކެތީގެ ވިޔަފާރި އާއި ހައްދުފަހަނަޅައި ދިޔުމުގެ ހަރަކާތްތަކާ ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓްރޭނިންގް ދިނުމާއި އެތަންތަނަށް މީހުން ފޮނުވުން ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެ މައްސަލަތައް ހައްލުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަމާން ސުލްހަވެރި އަދި ގައުމުތައް ގުޅިގެން ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ސަރަހައްދަކަށް ހެދުމަކީ، މުސްތަގުބަލުގެ ސަލާމަތަށް ޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވާހަކަފުޅަށް ފަހު އެމަނިކުފާނާ ކުރިމަތިކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގައި އައިއެސްގެ ނުފޫޒު ފޯރާފައިވާ މިންވަރާއި އެ ޖަމާއަތާ ގުޅިގެން ރާއްޖޭގެ ޒުވާނުން ހަނގުރާމަ އަށް ދިއުމުގެ ވާހަކަ ބޭރުގެ ނޫސްތަކުގައި ދައްކަނީ ހިނގާވަރަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް މައުމޫން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. އެއީ ރާއްޖެ ނޫން އެހެން ތަންތަނުގައި ވެސް ހިނގާ ހަރަކާތެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެކަން ކޮންޓްރޯލްކުރަން ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އިންޑިއަން އޯޝަން ކޮންފަރެންސް ގައި 21 ގައުމަކުން ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ