ހަވީރު ވިއްކާލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ހަވީރު ނޫސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވައިދިނުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް ހަވީރު ނިއުސް އެޖެންސީގެ ދެމުއައްސިސުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
މިކަމަށް ކޯޓުގައި އެދުނީ ހަވީރުގެ ކުރީގެ ދެމުއައްސިސުން ކަމުގައިވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބުދުﷲ ފާރޫގުގެ ފަރާތުން އެދެބޭފުޅުންގެ ވަކީލް މިއަދު ސިވިލް ކޯޓުގައެވެ.
ހަވީރުގެ ދެމުއައްސިސުން ކަމުގައިވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބުދުﷲ ފާރޫގު ހަވީރު ނޫސް އެޖެންސީއިން އެބޭފުޅުންނަށް ހައްގުވާ ބައި ހޯދައި ދިނުމަށް ހަވީރުގެ މިހާރުގެ ޗެއާރމަން ޑރ.މުހައްމަދު ޒާހިރު ހުސެއިންގެ މައްޗަށް ކުރައްވާ ދައުވާގައި އެދިފައި ވަނީ 1 އޭޕްރިލް، 1983 އިބުރާހިމް ރަޝީދު މޫސާ އާއި ފާރުގޫ ހަސަނާއި މުހައްމަދު ނައީމާއި ޑރ. މުހައްމަދު ޒާހިރު ހުސައިން ހަވީރު ނެރުމަށް އެއްބަސްވުން ގާއިމުކުރި ދުވަހުން ފެށިގެން މިހާތަނަށް ހަވީރަށް ލިބުނު އާމްދަނީ އާއި މުދަލުން ކޮންމެ ބޭފުޅަށް ހަތަރު ބައިކުޅަ އެއް ބައި (25 ޕަސެންޓް) ނަގައިދިނުމަށެވެ.
އަދި 1983 ވަނަ އަހަރު އަހަރު މިހަތަރު ބޭފުޅުންގެ މެދުގައި ގާއިމްކުރި އެއްބަސްވުމާއި ހިލާފަށް ޑރ.ޒާހިރު ހުސައިން އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް ހަވީރު ނޫސް އެޖެންސީ ހިންގާފައި ވާތީ އެތިން ބޭފުޅުންނަށް ގެއްލިފައިވާ ހައްގު ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް ހަވީރު ނޫސް އެޖެންސީ އާއި އެތަނުގެ ދަށުން ހިނގަމުން އަންނަ ހުރިހާ ތަނެއް ވިއްކާލުމަކީ އެބޭފުޅުންގެ ހައްގަށް އުނިކަމެއް ލިބިދާނެ ކަމެއްކަމަށް ގަބޫލު ކުރެވޭތީ ހަވީރު ނޫސް އެޖެންސީއާއި އެތަނުގެ ދަށުން ކުރާ ހުރިހާ ވިޔަފާރިއެއް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ކަމަށް ހަވީރުގެ ކުރީގެ ދެމުއައްސިސުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބުރާހިމް ރިޒާ ވިދާޅުވިއެވެ.
ޒާހިރު ހުސެއިންގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލު ހުސްނު ސުއޫދު ވަގުތީ އަމުރާ ބެހޭ ގޮތުން ވިދާޅުވީ ދައުވާކުރައްވާ ދެ ބޭފުޅުން ވެސް ދައުވާގައި އެދިވަޑައިގެންފައި ވަނީ ހަވީރުގެ ފައިދާ އާއި މުދަލުން ހިއްސާވާ މިންވަރެއް ނަގައިދިނުމަށް ކަމަށްވާ އިރު ވިއްކާލުމަކުން އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ދައުވާ ލިބޭ ފަރާތުގެ ހައްގެއް އޮތް ނަމަ ހަވީރު ވިއްކައިލި ނަމަވެސް ލިބޭ އެއްޗަކުން އެ ހައްގު ނަގައިދެވޭނެތީ ވަގުތީ އަމުރު ނެރެދިނުމުގެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.
އަދި ދައުވާއަށް ޖަވާބުދާރީ ވުމަށް ދެހަފްތާގެ މުހުލަތެއް ދިނުމަށް ސުއޫދު އެދިވަޑައިގަތުމުން ފަނޑިޔާރު ވަނީ ސުއޫދަށް އެފުރުސަތު ދެއްވާފައެވެ.
ވަގުތީ އަމުރާއި ބެހޭ ގޮތުން ގޮތެއް ނިއްމުމަށް އަންނަ ބުރާސްފަތި ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބާއްވަވާނެ ކަމަށް ފަނޑިޔާރު މަރިޔަމް ނިހާޔަތު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ