ޢާންމު ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެޓީވީން ކުރާ މަސައްކަތަށް ސާބަސްދެން: ރައީސް މައުމޫން

ރާއްޖެޓީވީން އާންމުންނަށް ރަނގަޅު ގޮތުގައި ޚިދުމަތްކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ކަމުގައި ވިދާޅުވެ ރާއްޖެ ޓީވީއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އައްސަރިބަހާއި ސާބަސްދެއްވައިފިއެވެ. ރައީސް މައުމޫނު މިފަދައިން ވިދާޅުވީ ރާއްޖެޓީވީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޓީވީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫނު ވަނީ އެ ޗެނަލަށް 10 އަހަރު ފުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވެފައެވެ. ރާއްޖެޓީވީއަކީ ރައްޔިތުން މަޖިލިހުގެ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމު ހިންގަވާ ޗެނަލެކެވެ. ރާއްޖެޓީވީ ފެށުނީއްސުރެ، ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫން އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމާ ހަމައަށްވެސް އެ ޗެނަލަކީ އެމަނިކުފާނަށް ވަރަށް ފާޑުކިޔައި އެމަނިކުފާނުގެ ވެރިކަމުގައި ހައްދަވާފައިވާ ކަމަށް އެމްޑީޕީން ބުނާ ގޯސްތައް ހާމަކޮށް ރިޕޯޓު ގެނެސްދިން ޓީވީ ޗެނަލެކެވެ. ރާއްޖެޓީވީއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރާއްޖެޓީވީން ގެނެސްދޭ ތެދު ޙަޤީޤަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާ ކަމުގައެވެ. މިގޮތުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހް ވިދާޅުވީ ޑިމޮކްރެސީތައް މަސައްކަތް ކުރުމަށް ތެދާއި ހަގީގަތް ވަރަށް މުހިންމު ކަމަށެވެ. އަދި އެ ރޮނގުން (ތެދު ހަގީގަތް ގެނެސްދިނުމަށް) ރާއްޖެޓީވީ އިން ކޮށްފައިވާ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެސީ ވަރުގަދަ ވެފައިވާ ކަމަށެވެ.ރާއްޖެޓީވީއަކީ އަބަދުވެސް އެމްޑީޕީގެ ސިޔާސަތު ޕްރޮމޯޓުކޮށް އެ ޕާޓީއާ ދެކޮޅުވާ ހުރިހާ ފަރާތްތަކަކާ ދެކޮޅަށް އެކި ކަހަލަ ޚަބަރުތައް ގެނެސްދޭ ޗެނަލެކެވެ. އެގޮތުން މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާ މެންބަރު ޤާސިމް އިބްރާހީމާއި، ރައީސް މައުމޫނާއި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲއާ ގުޅޭ ގޮތުން ވަރަށް ގިނަ ރިޕޯޓުތައް ގެނެސް ގިނަ ތުހުމަތުތަކެއް އެ ޗެނަލުން އެ ބޭފުޅުންނަށް އަމާޒުކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ